ޕްރައިމަރީގައި ފެންނާނީ އަޅުގަނޑާއި ޔާމީން: އުމަރު

ފެބްރުއަރީ 2013 ގައި ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވަނީ އޭނާގެ އިތުރުން އަބްދުﷲ ޔާމީން ކަމަށް އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާތީ "ހަވީރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ އޭނާ އާއި ޔާމީން ފިޔަވައި އެހެން ބޭފުޅަކު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި ޕްރައިމަރީ އަށް މައުމޫން ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އަލުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ހައްގު މައުމޫނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެންމެ ގިނަ =ވޯޓު 2013 ގައި ހޯއްދަވާނީ ވެސް މައުމޫން ކަމަށާއި އަލުން ވެރިކަމަށް ވަޑައިގަތުމަށް މައުމޫން ބޭނުންފުޅު ނަމަ އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މައުމޫން އެކަން ]ވެރިކަމަށް ކުރިމަތިލެއްވުން[ ކުރައްވަން ހުރިއްޔާ އަޅުގަނޑުމެން ބެކިން ދޭނަން. އެއީ އަހަރެމެންގެ ކާލާ މަންނަ،" އުމަރު ވިދާޅުވި އެވެ. "ކާލާ މަންނަ އަބަދުވެސް އަހަރެމެންގެ އަތުގައި އޮންނާނެ. އެންމެ ފަހު އަތްބައިގައި ވައްޓާލާނަން. އެންމެންނަށް އެނގޭނެ އެ ގަނޑު އިންނާނީ އަހަރެމެން އަތުގައިކަން." އުމަރު ވިދާޅުވީ "ކާލާ މަންނަ އަށް އެއީ ކާލާ މަންނައެއް ނޫނޭ ނުބުނެވޭނެ" ކަމަށެވެ. "ތިމަންނަ ދެން ކުރިމައްޗެއް ނުލާނަމޭ ވިދާޅުވެއްޖިއްޔާ ކާލާ މަންނަ ބަދަލުވާނީ ރުމާލު ދޭކަށް ނޫންތޯ،" އިންޑިއާގެ "ދަ ހިންދޫ" އަށް މައުމޫން ދެއްވި އިންޓަވިއުއަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވި އެވެ. "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. އަދި އަލުން ރައީސް ކަމަށް ކުރިމަތިލެއްވި ނަމަވެސް އެއީ އެ މަނިކުފާނުގެ އިހުތިޔާރުން ބޭރުގައި ކުރައްވާ ކަމަކަށް ނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ. "ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވޭ. އެހެންވީމާ އަޅުގަނޑު މި ހުރީ ކޮންމެ ގޮތެއް އިހްތިޔާރުކުރަން ޖެހުނަސް ތައްޔާރަށް،" މައުމޫން ވިދާޅުވި އެވެ. ޕްރައިމަރީއާ ބެހޭ ގޮތުން ޔާމީންގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ