އިމްރާންގެ މައްސަލަ ބަލަން އާ ބެންޗެއް ކޯޓުން އެކުލަވާލައިފި
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ އާ ބެންޗެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފި އެވެ. އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލަން ކުރިން ވެސް އޮތީ ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ. ނަމަވެސް އެ ބެންޗުގައި ހިމެނުނު ދެ ފަނޑިޔާރަކު ހައި ކޯޓަށް ބަދަލުވުމާ ގުޅިގެން އެ ބެންޗު ވަނީ އުވިފަ އެވ ެ . ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާ ބެންޗެއް އެކުލަވާލިކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ހަވީރަށް އެނގިފައިވާ ގޮތުގައި އާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އެ މައްސަލަ ކުރިން ވެސް ބެލި ބެންޗުގައި ހިމެނުނު ގާޒީ އަބްދުލްބާރީ ޔޫސުފެވެ. ބާރީގެ އިތުރުން ދެން ތިއްބަވަނީ ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ކަމަށް ވެސް ވަނީ އެނގިފަ އެވެ. އިމްރާންގެ މައްސަލަ ބަލަން އާ ބެންޗެއް އެކުލަވާލިއިރު އެ މައްސަލައިގެ ޝަރީއަތް އެއްގޮތަކަށް ވެސް ކުރިއަށް ނުދާތާ ދެ މަހަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. އެހެންވެ އެ މައްސަލަ އަވަހަށް ނިންމައިދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި އިމްރާންގެ ވަކީލުން ވެސް ވަނީ އެދިފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި އިމްރާން ބެހެއްޓުމަށް ފަހު މި މަހުގެ ކުރީކޮޅު ކޯޓުން އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު ކޯޓުން ވަނީ އަލުން އިމްރާން ޖަލު ބަންދަށް ގެންދަން އަމުރުކޮށްފަ އެވެ. އިމްރާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ