ފައިސާ ނުދޭން އޭސީސީން އަނެއްކާ ވެސް އަންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބޭނުން ވެގެން 2008 ވަނަ އަހަރުން ފެށިގެން ސެންޓަ އެންޓަ ޕްރައިޒެސްއާއި ހަވާލުކޮށްގެން ބަންނަމުންދާ ޓަގުގެ މަސައްކަތް ނިންމުމަށް އިތުރު ފައިސާ ނުދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީން މިއަދު އަންގައިފިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ޓަގު ބަނުމަށް އިތުރަށް ފައިސާ ނުދިނުމަށް ދެވަނަ ފަހަރަށް މިއަދު އަންގާފައިވަނީ އެމައްސަލަ ބެލުމަށްފަހު އޭސީސީން މީގެ ކުރިން ދީފައިވާ ލަފަޔާ ހިލާފަށް އަނެއްކާ ވެސް އެކުންފުންޏަށް ފައިސާ ދިނުމަށް އެމްޕީއެލްގެ ބޯޑުން ނިންމާފައިވާތީ ކަމަށެވެ.
މައުލޫމާތު ހޯދުމަށް ގުލާލުމުން އެމްޕީއެލްގެ ސީއީއޯ މަހުދީ އިމާދު މިރޭ ވިދާޅުވީ މާދަމާ ހެނދުނު ގުޅުމަށެވެ.
މަހުދީ އިމާދު ރާއްޖޭގެ ބައެއް ހަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފައިވަނީ އެ މަސައްކަތް އަލުން ކުރިޔަށް ގެންދަން އެއްބަސްވުމުގައި ސޮއިކުރީގެ ކުރީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތަށް އަދި އޭސީސީން އަންގާފައިވާ ގޮތަށް އެ މަސައްކަތް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރީ ބޯޑުން ނިންމާފައިވާ ގޮތަށް އެއްބަސްވުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު ކަމަށެވެ.
ނަމަވެސް ސީއެންއެމަށް މައުލޫމާތު ދެއްވަމުން ލުތުފީ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެކުންފުންޏަށް އަލުން ފައިސާތަކެއް ދިނުމަށް ނިންމާފައިވަނީ ބޯޑުގެ މެމްބަރުން ތަކެއް ވެސް އެކަމުގެ ތެރޭގައި ހިމެނިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ލުތުފީ ވިދާޅެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2008 ވަނަ އަހަރު ބަންނަން ފަށާފައިވާ މިޓަގު ބަނުމަށް އިތުރު އެގާރަ މިލިޔަން ރުފިޔާ ދިނުމަށް އެމްޕީއެލްގެ ބޯޑުންވަނީ ނިންމާފައެވެ.
ޓަގުގެ މަސައްކަތްތައް ނިމިފައި ނުވާ އިރު މިހާތަނަށް ވެސް އަގުގެ 49 އިންސައްތަ ފައިސާ ދީފައިވާ ކަމަށް އޭސީސީން ބުނެއެވެ.
ޓަގުގެ މަސައްކަތް ނުނިމެނީސް އިތުރު ފައިސާ ނުދޭން ނިންމާ އޭސީސީން އެކަން ހުއްޓުވާފައިވާ އިރު، އެމަސައްކަތް ކުރިއަށް ގެންދެވިދާނެ ތިން ގޮތެއް ވެސް އޭސީސީންވަނީ އެމްޕީއެލްއަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ