"ބާރުގަދަ" ފަރާތްތަކަކުން ކޮމިޓީ ހުއްޓުވަން މަސައްކަތްކުރޭ - އަލީ ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް އިންކުއަރީ (ކޯނީ) ރިޕޯޓު ދިރާސާކުރަމުންދާއިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މަސައްކަތް ހުއްޓުވުމަށް "ބާރުގަދަ" ފަރާތްތަކަކުން މަސައްކަތް ކުރަމުންގެންދާ ކަމަށް އެކޮމިޓީގެ މުޤައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމަށްފަހު ރޭ ދަންވަރު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާކުރުމަކީ ބޮޑު އަދި ނުރައްކާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދާތީ އެކަން ހުއްޓުވަން ބާރު ގަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވާނެކަމަށެވެ.
ޢަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް ހުއްޓުވުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ސާބިތުކަމާއިއެކު ކުރިއަށް ގެންދާނެ ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮމިޓީ ހުއްޓުވަން އުޅޭ "ބާރުގަދަ" ފަރާތްތަކަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޢަލީ ވަހީދު ވިދާޅުވީ އެމައުލޫމާތުތައް ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.
"ނުސީދާގޮތުން އަޅުގަނޑަށްވެސް އެފަދަ އިޝާރާތްތައް އެބައާދޭ. އެހެންނަމަވެސް ޤާނޫނީ ގޮތުން މިކޮމިޓީ ހުއްޓުވޭނެ ހުއްޖަތެއް މިކޮމިޓީއަށްވުރެ ބާރުގަދަ އެހެން ފަރާތަކުން އެންގުމާއި ހަމައަށް މިކޮމިޓީގެ މަސައްކަތްތައް ސާބިތުކަމާއިއެކު ކުރިއަށްދާނެ ކަމާއި، މިކޮމިޓީގެ މަސައްކަތަށްފަހު ނިންމާ ރިޕޯޓެއް އަޅުގަނޑުމެން ފޮނުވަންޖެހޭ ތަނަކަށް ފޮނުވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން" ޢަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮމެޓީން ބަލަމުންދަނީ ހަމައެކަނިވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުންތޯ ބެލުމުގެ މަސައްކަތް ނޫން ކަމަށާއި ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަރަށް ގިނަ ކަންކަން ބަލަމުންގެންދާކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ބައެއް ފަރާތްތަކުގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގައި އެއްވެސް މައުލޫމާތެއް ސިއްރުކޮށް އެއްވެސް ފަރާތެއްގެ ބަޔާނަކަށް އުނި އިތުރު ގެނެސް އޮޅުވާނުލާނެ ކަމަށެވެ.
ޢަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓާއި ގުޅުވައިގެން އެކިއެކި ބޭފުޅުން ކޮމިޓީއަށް ދެއްވާފައިވާ ބަޔާންތައް ދިވެހި ބަހުންނާއި އިގިރޭސި ބަހުން އެކުލަވާލުމަށް މަޖިލީހުގެ އިދާރާއަށް އެންގުމަށްވެސް ކޮމިޓީގެ  ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ކޯނީގެ ރިޕޯޓާއި ގުޅިގެން ހާޒިރުކޮށްފައިވަނީ އެމްއެންޑީއެފް ކުރީގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުއެވެ. ޢަލީ ވަހީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތްތަކަށް މޫސާ ޢަލީ ޖަލީލު ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ