ހަމަހޭގައި ހުރި އެއްވެސް މީހަކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ވޯޓު ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އުތުރުގެ އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން ރޭ ށ. ގޮއިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް ވިދާޅުވީ ރިޔާސީ އިންތހާބު އެއްބުރުން ނަޝީދު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ދެވަނަ ބުރާ ހަމައަށްވެސް ނަޝީދަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
ނަޝީދަށް ދެވަނަ ބުރަށް ވަޑައި ނުގަނެވޭނީ އެމަނިކުފާނަށް އެމްޑީޕީގެ މެންބަރުންވެސް ވޯޓު ނުދެއްވާނެތީ ކަމަށް ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ދާދި ފަހުން ރައީސް ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަފުޅުދެއްކެވި ކަމަށް ބުނެ ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅަކަށް ދިވެހިރައްޔިތުން ވޯޓެއް ނުދޭނެ ކަމަށެވެ.
އަދި ރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި ނަގަހައްޓަން މަސައްކަތް ކުރައްވާ އެއްވެސް މީހަކު ނަޝީދަށް ވޯޓު ނުދޭނެ ކަމަށާއި ރައްޔިތުން ވޯޓުދޭނީ މާތްވެގެންވާ އިސްލާމްދީނާއި، ގުރުއާނާއި ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ އެމްޑީޕީން ފަށާފައިވާ މަޝްރޫއުތަކެއް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުން ވޯޓު ނުދޭ ބަޖެޓަކުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންތައްތަކަކީ އެމީހުން ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރަމުންދާ ކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ އެމްޑީޕީން ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވާން އެޕާޓީގެ މެންބަރުންނާ ނަޝީދު ލަދުގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ އަމަލުތަކުން ދޭހަވަނީ އެމީހުން ބޭނުންވަނީ ބާރުތައް ކަމަށާއި، އެމްޑީޕީން އަމަލު ކުރަމުންދާ ގޮތުން މިހާރު ތިބި އެމްޑީޕީގެ މަޖިލީސް މެންބަރުން ވެސް އިތުރު ދައުރަކަށް ދެން ރައްޔިތުން ނުހޮވާނެ ކަމަށް ވެސް ރޭ ގޮއިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމު ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި މެޑިކަލް ލެބޯޓްރީއަކާއި ހިނަވާ ގެއެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.
ހަމަހޭގައި ހުރި އެއްވެސް މީހަކު ނަޝީދަށް ވޯޓުނުދޭނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ