މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ތާއީދުކުރައްވާނީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ކަމަށް ބުނާ ގާނޫނާއި ހިލާފު މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އޭނާ ތާއިދު ކުރައްވާނީ ޔާމީނަށް ކަމަށާއި އެވާހަކަ މަޖިލީހުގައި ވެސް ދައްކަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑަކީ ޕީޕީއެމްގެ ޔަގީން ޓީމުގެ އަބްދުﷲ ޔާމީނަށް އެ ޕްރައިމަރީ ކާމިޔާބު ކުރެވޭތޯ ތާއިދު ކުރާ މީހެއް. އަޅުގަނޑު މަޖިލީހުގައި ވެސް އެވާހަކަ ދައްކާފައި އޮންނާނީ." އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ހަރުދަނާ ލީޑަރުން ތިބެގެން ނޫނީ ގައުމު ހަމަޔަކަށް ނޭޅުވޭނެ ކަމަށާއި ޕާޓީއެއްގެ ލީޑާޝިޕަށް ހަރުދަނާ ބަޔަކު އައުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ލިބޭ ހެވެއް ކަމަށެވެ.
އަދި ރާއްޖެ އިން ތެޔޮ ހޯދުމަށް ޔާމީން ވެފައިވާ ވައުދަށް ތާއިދު ކުރައްވާ ކަމަށާއި އެފަދަ މަސައްކަތެއްކޮށްގެން ރާއްޖެ އިން ތެޔޮ ފެނިއްޖެ ނަމަ އެންމެނަށް ވެސް ރަނގަޅުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަބްދުﷲ ޔާމިންއަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ތާއީދު ކުރާ މީހާ. އަޅުގަނޑު ހަމަ ހުންނާނީ އެމްޑީޕީގައި. ޒިންމާދާރު އެހެން ޕާޓީއެއްގެ ލީޑާޝިޕް ރަނގަޅުވަންޏާ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ހެވަކަށްވާތީ މި ދައްކަނީ." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ޑީއާރުޕީގައި މަސައްކަތްކުރެއްވި ދުވަސްވަރު ޔާމީން އާއި އެކީގައި މަސައްކަތްކުރެއްވި ނަމަވެސް ޑީއާރުޕީ ބައިބައިވެ ދެފެކްޝަނަކަށް ބަދަލުވުމާއި ގުޅިގެން އަލީ ވަހީދު އެޕާޓީން ވަކިވުމާއި ހަމައަށް ހުންނެވީ ތަސްމީން އަރިހުގައި އެވެ. އަނެއް ފެކްޝަނަކީ ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނެވެ. މި ފެކްޝަނުގައި ޔާމީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ތާއީދުކުރައްވާނީ ޔާމީނަށް - އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ