ސަރަހައްދީ އިންތިޚާބުގައި ކެޓެލޯނިއާ ރައްޔިތުން ވޯޓްލާން ފަށައިފި

ކެޓެލޯނިއާގެ ސަރަހައްދީ އިންތިޚާބުގައި އާންމުން މިއަދު ވޯޓްލަމުން އެބަގެންދެއެވެ.
މިއީ، ސްޕެއިންގެ ކިބައިން ވަކިވެ ކެޓެލޯނިއާއިން މިނިވަންކަން އިޢްލާންކުރިފަހުން ފާއިތުވީ ދެމަސްދުވަހު އޮތް ސިޔާސީ ނުތަނަވަސްކަމަށްފަހު ބާއްވާ އިންތިޚާބެކެވެ.
ސްޕެއިންގެ އެންމެ މުއްސަނދި ސަރަހައްދު ކަމަށްވާ ކެޓެލޯނިއާގެ މުސްތަގްބަލާމެދު ކަންކަން ވެގެން ހިނގައިދާނެ ގޮތް މިއަދުގެ ވޯޓުގެ ނަތީޖާއިން ހާމަވެގެން ދާނެއެވެ.
ރެކޯޑް އަދަދަށް ވޯޓްލާން މީހުން ނުކުންނާނެ ކަމަށް ބެލެވިފައިވާއިރު، ސްޕެއިނުން އުވާލި ކެޓެލޯނިއާ ސަރަހައްދީ ސަރުކާރުގެ 13 ވެރިންގެ ތެރެއިން 12 ބޭފުޅުންވެސް އިންތިޚާބުގައި ވާދަކުރައްވައެވެ. އޭގެ ތެރޭގައި ސްޕެއިނުން ޖަލަށް ލާފައި ހުންނެވި ކެޓެލޯނިއާގެ ކުރީގެ ނާއިބް ރައީސާއި، އަދި ބެލްޖިއަމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ސަރަހައްދީ ސަރުކާރުގެ ރައީސް ކާރލްސް ޕީގެމޯވެސް ހިމެނިވަޑައި ގަންނަވައެވެ.
ކެޓެލޯނިއާ ސްޕެއިންގެ ދަށުގައި އޮތުމަށް ތާއީދުކުރާ ޕާޓީތަކުންވެސް އިންތިޚާބުގައި ވާދަކުރާއިރު، މިނިވަންކަމަށް މަސައްކަތްކުރާ ޕާޓީތަކަށް ކެޓެލޯނިއާ ޕާލަމެންޓްގެ އަޣުލަބިއްޔަތު، ރައްޔިތުން ދީފާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. 2015 ވަނަ އަހަރުގެ އިންތިޚާބަށްފަހު 135 ގޮނޑި ހިމެނޭ ކެޓެލޯނިއާ ޕާލަމެންޓުން މިނިވަންކަމަށް މަސައްކަތްކުރާ ޕާޓީތަކަށް ލިބިފައިއޮތް 72 ގޮނޑީގެ އަޣުލަބިއްޔަތު އަނެއްކާވެސް ލިބިދާނެތޯ ސުވާލު އުފެދިފައި ވެއެވެ.
މިއަދުގެ އިންތިޚާބުގެ ނަތީޖާއިން، ކެޓެލޯނިއާ ރައްޔިތުން ބޭނުންވާގޮތް މުޅި ދުނިޔެއަށް ހާމަވެގެންދާނެއެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓްލުމަށް 5.5 މިލިއަން ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓްލާން ފެށުމުގެ އެތައް ގަޑިއިރެއް ކުރީން މީހުންވަނީ ބާސެލޯނާގައި ވޯޓްލާން ހަދާފައިވާ މަރުކަޒުތައް ދޮށުގައި ކިޔޫ ހަދަން ފަށާފައެވެ.
ސްޕެއިންގެ ކިބައިން ވަކިވެ، މިނިވަންވުމާމެދު ކެޓެލޯނިއާއިން އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ވޯޓާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ކެޓެލޯނިއާއަށް ފުލުހުން ފޮނުވައި، އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބުނުއިރު، މިމައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައީ އެ ހިސާބުން ފެށިގެންނެވެ.
ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައި، ކެޓެލޯނިއާ ސަރަހައްދީ ޕާލަމެންޓުން މިނިވަންކަން އިޢްލާން ކުރީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން، ސްޕެއިންގެ ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ބޭނުންކޮށް ސްޕެއިން ސަރުކާރުންވަނީ ކެޓެލޯނިއާގެ ޕާލަމެންޓް ރޫޅާލައި، ސަރަހައްދީ ސަރުކާރުވެސް އުވާލައި، ރައީސް ޕީގެމޯވެސް މަގާމުން ދުރުކޮށްފައެވެ. އަދި މިއަދު އަލުން އިންތިޚާބު ބާއްވަން އިޢްލާން ކުރީވެސް ސްޕެއިނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ