އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސުވިފްޓްގެ "އެރާސް ޓުއާ" ގެ ތެރެއިން އޮސްޓްރިއާގެ ވިއެނާގައި އޯގަސްޓް 2024 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓަކަށް އަމާޒުކޮށް ހަމަލާއެއް ދޭން ރޭވި 21 އަހަރުގެ އޮސްޓްރިއާ ފިރިހެނަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އޮސްޓްރިއާގެ އަމިއްލަ މިނިވަންކަމާ ބެހޭ ގާނޫނުތަކުގެ ދަށުން "ބެރާން އޭ" ގެ ނަމުން ނަން ދީފައިވާ މި މީހާގެ މައްޗަށް ޓެރަރިޒަމާ ގުޅުން ހުރި ގިނަ ކުށްތަކެއް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ވިއެނާގެ އާންސްޓް ހެޕަލް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޓެއިލާ ސުވިފްޓްގެ ތިން ކޮންސެޓްގެ ތެރެއިން ފުރަތަމަ ކޮންސެޓް ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެމެރިކާގެ ސީއައިއޭ އިން ދިން މައުލޫމާތަކާ ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން، އޮސްޓްރިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ތިން ކޮންސެޓް ވެސް ވަގުތުން ކެންސަލްކުރިއިރު، މީގެ ސަބަބުން ކޮންސެޓް ބަލަން ތިބި ގާތްގަނޑަކަށް 200,000 ސަޕޯޓަރުންނާއި ޓެއިލާ ސްވިފްޓަށް ވެސް ބޮޑު މާޔޫސްކަމެއް ލިބުނެވެ.
"އެރާސް ޓުއާ" ގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއަކުން ހާމަވި ގޮތުގައި، ބޮން ގޮއްވާލަން އުޅޭކަމުގެ މައުލޫމާތު އެމެރިކާގެ ލަވަކިޔުންތެރިޔާއަށް ލިބުނީ އޭނާ އޮސްޓްރިއާއަށް ދަތުރުކުރަމުން ދަނިކޮށެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ބެރާން އޭ ވަނީ ހަރުކަށި ފިކުރަށް ތަބާވެ، ޖިހާދީ ގްރޫޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފާފަ އެވެ. އަދި މެޝިން ބަޑިއާއި އަތުބޮން ހިމެނޭހެން ގަވާއިދާ ހިލާފަށް ހަތިޔާރު ގަންނަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުންޏެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔައީ ވިއެނާގެ ދެކުނުން އޮންނަ ސިޓީއެއް ކަމަށްވާ ވީނާ ނިއުސްޓަޑްގަ އެވެ. ބެރާން އޭ އާއެކު، އައިއެސްގެ ސެލްއެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ސްލޮވާކިއާއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަރްދާ ކޭ ގެ މައްޗަށް ވެސް ދައުވާ ކުރި އެވެ.
ކޮންސެޓަށް ހަމަލާދޭން ރޭވި ރޭވުމުގައި ބައިވެރި ނުވި ނަމަވެސް، އަރްދާ ކޭ ގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޓެއިލާ ސްވިފްޓްގެ ކޮންސެޓަށް ހަމަލާދޭން ރޭވި މީހާ 15 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ