ލިވަޕޫލްގެ ކޯޗު ކަމުން ސްލޮޓް ވަކިކޮށްފި

އިނގިރޭސި ޕްރިމިއާ ލިގުގެ ކްލަބް ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމުގައި ހުރި އާނޭ ސްލޮޓް އެ މަގާމުން ވަކިކޮށްފި އެވެ.
ނެދަލޭންޑްސް އަށް އުފަން އުމުރުން 47 އަހަރުގެ ސްލޮޓް ކޯޗު ކަމުގެ މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް އެ ކްލަބަށް ހޯދިފައިނުވާތީ އެވެ. ނަމަވެސް އޭނާ ވަނީ ލިވަޕޫލް އާއި ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ކްލަބަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަދީފަ އެވެ.
ލިވަޕޫލް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ އުނދަގޫ ނިންމުމެއް ކަމުގައިވީ ނަމަވެސް މިވަގުތަށް މިއީ ކްލަބަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސްލޮޓް އެ ކްލަބަށް ކޮށްދިން ހިދުމަތަށް ލިވަޕޫލް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ލިވަޕޫލް ނިންމާލިއިރު, ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުގެ ތެރެއިން 20 މެޗުން ލިވަޕޫލް ވަނީ ބަލިވެފަ އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލް އިން ޖުމްލަ 415 މިލިއަން ޕައުންޑް ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފައިވީ ނަމަވެސް މިއީ އެ ކްލަބުގެ މެނޭޖްމަންޓަށް ގަބޫލުކުރެވޭ ނަތީޖާތަކެއް ނޫނެވެ. ކޯޗު ބަދަލު ކުރުމަކީ ވިސްނާ ކަމެއް ނޫން ކަމަށް އެ ކްލަބުގެ ވެރިން ސީޒަނުގެ މެދުތެރޭގައި ބުނި ނަމަވެސް ލިވަޕޫލް ހިންގާ އެފްއެސްޖީގެ ޗީފް އެގްޒެކްޓިވް އާއި އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރ ވަނީ ގިނަ މަޝްވަރާތަކަށްފަހު ސްލޮޓް ވަކިކުރުމަށް ނިންމާފަ އެވެ.
ސްލޮޓް ވަކިކުރުމަށްފަހު ލިވަޕޫލްގެ ކޯޗު ކަމާއި ހަވާލުވުން އެންމެ ކައިރި ފަރާތަކީ ބޯންމަތަށް ކޯޗުކޮށްދިން އަންޑޯނީ އިރައޯލާ ކަމަށް އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ