މެމްބަރު ޢަލީ ކިޔުއްވައިދެއްވި 30 ނަމްބަރު ކަންވާރު ރޯލުގެ ވާހަކައިން ދޭހަވަނީ ކޮންކަމެއް؟

ރައްޔިތުންގެ މަޖިލިސްގައި އިއްޔެ އޮތް 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގެ އެޖެންޑާގެ ނަމްބަރުތައް ނިއުޅެމުންގޮސް ޖަލްސާ ނިންމާލެއްވުމުގެ ކުރިން މަޖިލިސް ރިއާސަތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލިސްގެ އިތުރު އެހެން މަސައްކަތްތަކުގެ ބައިން، ބަހުސަށް ހުޅުވާލި މައްސަލައިގެ ބަހުސްގެ ވަގުތުގައި އެންމެ ފަހު މެމްބަރެއްގެ ގޮތުން ވާހަކަ ދެއްކެވީ، ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިނެވެ.
މަޖިލިސް މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިނަށް ލިބިލެއްވި ފުރުޞަތުގެ ބޭނުން ކުރެއްވީ ކުރުކޮށް ފޮނިކޮށް ވިދާޅުވި “ބުރަދަން ހުރި” ޖުމްލަ ތަކަކުންނެވެ. މެމްބަރު ޢަލީ އެ ވިދާޅުވި 30 ނަންބަރު ކަންވާރުރޯލުގެ ވާހަކައިން ދޭހަވާ ކަމަކަށް ފިކުރު ހިންގާލަން ފަސޭހަވާނީ ރިޔާސަތުން ހުޅުވައިލެއްވި މައްސަލަ ފަހުމްވެގެން ކަމަށްވާތީ އެ މައްސަލަ ފުރަތަމަ ހިމަަނައިލާނަމެވެ.
” އަޅުގަނޑު ދެންނެވިން؛ އަފްރާޝީމް ޢަލީގެ މައްސަލައާއި އަދި ޖުމުލަކޮށް މަރައިލާފައި އަދި
ގެއްލިފައިވާ މީހުންގެ މައްސަލައާ ގުޅޭ ގޮތުން އުފެދިފައިވާ ކޮމިޝަނާއި، ހެދިފައިވާ ރިޕޯޓާއި، އެ ރިޕޯޓުތަކުގެ މައްޗަށް މި މަޖިލީހުން ކުރެވިފައި ހުރި މަސައްކަތާއި، ދެން މިހާރު މި މަޖިލީހަށް އެ ކޮމިޝަންތަކުން ދެއްވާފައިވާ ޖަވާބާ؟ މި ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑަށް ފެންނަ ކުޑަ ޚުލާސާއެއް ދަންނަވައިފިން. އަޅުގަނޑު އެހެންވީމާ. މިހާރު މި ފުރުޞަތުއަރުވަނީ ކުރިއަށް އަޅުގަނޑުމެން ދާނެ ގޮތަކާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވުމުގެ ފުރުޞަތު އެރުވުމަށްޓަކައި، ބަހުސްގެ ވަގުތު އަޅުގަނޑު ހުޅުވައިލައިފިން ބައިގަޑިއިރުގެ.” މަޖިލިސްގެ ރައީސް ފަހު ފުރުޞަތުގައި މައްސަލަ ހުޅުވާލައްވައި، ބަހުސަށް ޖާގަ ދެއްވަމުން ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވާހަކަދެއްކެވުން:
މެމްބަރު ޢަލީ ހުސައިން ވިދާޅުވިއެވެ.
މެމްބަރު ޢަލީ ބަހުސް މާ ދިގު ނުކުރަށްވައި ވިދާޅުވީ މާނަ ފުން ބަސްކޮޅެކެވެ. ރިޔާސަތުން ހުޅުވާލި މައްސަލައަށް މެމްބަރު ޢަލީއަށް ފެނިވަޑައިގަތް ހައްލަކީ 30 ނަންބަރު ކަންވާރު ރޯލެއް އެވަރަށް ހީގަނެ، އޮޅުނީމާ ކުރެވެން އޮތް ދެ ކަމެއް ކުރުމެވެ. އެ ދެކަމަކީ އެ ކަންވާރު ރޯލު ކޮޅުބައިން ދެމުން ނުވަތަ ދެކޮޅުން ކަނޑާފައި އަލުން ގުޅުވުމެވެ.
އިއްޔެގެ ޖަލްސާގައި މަޖިލިސް ރައިސް، ރައީސް ނަޝީދު ވަނީ ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު އެހެން ވިދާޅުވިތާ މާގިނަ އިރެއްނުވެ މަރުކޮމިޝަނުން އެކަމާއި ގުޅިގެން ބަޔާނެއް އާންމުކުރިއެވެ. އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި ތަހުގީގުތައް ހުއްޓާލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފައި ނުވާނެ ކަމަށެވެ.
އެ ކޮމިޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އަންގަން އެދިފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށާއި، ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު، އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގައިފައި ނުވާނެ ކަމަށް އެ ބަޔާނުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މިހާރު މެމްބަރު ޢަލީ އެ ވިދާޅުވި 30 ނަންބަރު ކަންވާރުރޯލުގެ ވާހަކައިން ދޭހަވި ކަމަކަށް ވިސްނުން ހިންގާލަން ފަސޭހަ ވާނެ ކަމަށް ދެކެމެވެ. އެ ވިދާޅުވި ބަސްތަކުގެ މާނަ ފުންވެފައި، ހުރި ބުރަދަނެއްގެ ސަބަބުން އަޅުގަނޑުގެ ވިސްނުމަށްއައި ކަމެއް ތިލަކޮށްނުލައި، މި ދޫކޮށްލީ ކިޔުން ތެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ