އެމްއާރްއެމްގެ ނަމުގައި މައުމޫން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއްގައި އުފައްދަވަން ނިންމަވައިފި އެވެ.
މައުމޫން ސިޔާސީ ޕާޓީ އުފައްދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގަ އެވެ.
ރައީސް މައުމޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ފޯމު ވެސް ނަންގަވާފައިވާ ކަމަށެވެ.
ރައީސް މައުމޫން އެމްއެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައި މިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް އަނބުރާ އެމަނިކުފާނަށް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވެފައި ވަނިކޮށެވެ.
ރައީސް މައުމޫނަށް އަނބުރާ ޕީޕީއެމް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކުއްލި ކޮންގްރެސްގެ ނިންމުންތައް ސައްހަ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމާ ގުޅިގެންނެވެ.
ޕީޕީއެމްގެ ކުއްލި ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަދި ރައީސް މައުމޫންގެ ކޮއްކޮ އަބްދުﷲ ޔާމީން އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އިޝާރާތްކުރައްވާ ރައީސް މައުމޫން މިއަދު ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އެމްއާރްއެމްގެ ނަމުގައި ހިންގަމުން ގެންދާ ސިޔާސީ ހަރަކާތް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމީ ސުޕްރީމް ކޯޓުގެ އިއްޔެގެ ހުކުމާ ގުޅިގެން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެމަނިކުފާނުގެ އަރިހުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާ އިއްޔެ މަޝްވަރާ ކުރައްވާ އެމްއާރްއެމްގެ ކުރިމަގާ ގުޅޭ ގޮތުން ހިޔާލު ހޯއްދަވާފައިވާނެ ކަމަށެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅުން ތިއްބެވީ މިހާރު ފަށާފައިވާ މަސައްކަތްތައް ހުއްޓާލުމަށްފަހު ގެއަށް ވަދެވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ނިންމެވީ ކަމަށެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން މީގެކުރިން ވަނީ ޑީއާރްޕީއާއި ޕީޕީއެމް އުފައްދަވާފަ އެވެ. މި ދެ ބޭފުޅުން އުފެއްދެވީ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ އާ ޕާޓީއެއް އުފެއްދުން ނޫން ހައްލެއް ލިބިވަޑައިނުގަތުމުން ކަމަށް މައުމޫން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ދޫކޮށްލުމަށްފަހު ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާއިރު ޕީޕީއެމްގެ މިލްކުވެރި ފަރާތާ ގުޅޭ މައްސަލައެއްވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ސިވިލް ކޯޓުގައި މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް މިމައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންދިޔައީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ