ކޮޅިގަނޑު ތޫފާނަަކަށް ބަދަލުވެ، މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަަކަށް ބަދަލުވެ ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހު އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި އަދި ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައސް ވަނީ ހުދު އެލަރޓް ނެރެފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ތޫފާން، "ތޫފާން އަމްޕަން"ގެ އަސަރު ރާއްޖެއަށްވެސް ކުރަމުންދާކަން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ގެނެސްދޭ ލައިވް ކަވަރޭޖުގައި މަޢުލޫމާތުދެއްވަމުން މޫސުމާއިބެހޭ ޤައުމީ ޢިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ "ތޫފާން އަމްޕަން" މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރައްކަމުގައި ވީނަމަވެސް އެ ތޫފާން ސިވިއަރ ސައިކްލޯންއަކަށް ބަދަލުވެ ބާރު ގަދަވަމުންދާތީ ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.
"ތޫފާން އަމްޕަން" މިހާރު ދަތުރުކުރަމުންދަނީ އިންޑިއާ އާއި ދިމާލަށް ކަމުގައިވިޔަސް މި ތޫފާނުގެ މިސްރާބު ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ބަނގްލަދޭޝްއާއި ދިމާލަށް ބަދަލުވާނެކަމަށް ބެލެވޭކަމަށެވެ. އަދި މި ތޫފާން ބަނގްލަދޭޝްއަށް އެރުމުން އޭގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަވެ ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށްވެސް ހާފިޒް ވިދާޅުވިއެވެ.
ޢަބްދުﷲ ޙާފިޒް ވިދާޅުވިއެވެ.
މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް 24 ގަޑިއިރު އާންމުގޮތެއްގައި ވައި ޖެހޭނީހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮރެންޖް އެލަރޓްވެސް ނެރެފައެވެ. އޮރެންޖް އެލަރޓަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލަރޓެވެ. ހުކުރު ދުވަހު މި އެލަރޓް ނެރެފައިވަނީ ބ އަތޮޅާއި ފ އަތޮޅާއި ދެމެދު 30 މޭލަށް ވުރެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ