ޖޭޕީއަށް އާ މެމްބަރުން ގުޅުމަކީ ލިބޭ ބޮޑު އުފަލެއް: ގާސިމް

ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިހާބަށް ފަހު ގައުމަށް މިއައި ހެޔޮ ބަދަލާއި އެކު ސިޔާސީ ގިނަ ފަރާތްތަކަކާއި އާންމުންގެ ތެރެއިންވެސް ގިނަބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅެމުންދާ ކަމީ ވަރަށް އުފަލާއި އެކު ބަލައިގަންނަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްވެސް ޖުމްހޫރީ ޕާޓީ އާއި މިހާރު ގުޅެމުންދާ ކަމަށެވެ. އަދި އެއީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށާއި ސިލްސިލާ ގޮތެއްގައި އެކަން ކުރިޔަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ އިސްލާހަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށެވެ. އަދި މިހާރުވެސް އެކަންކަން ދަނީ ވަރަށް ބާރު ސްޕީޑެއްގައި ރެއާ ދުވާލު މަގުން ކުރިޔަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތުގެ އިތުރަށް އިޖްތިމާއި ޚިދުމަތްތަކާއި އިގްތިސޯދީ އަދި އުމްރާނީ ގޮތުން ގައުމަށް ޚިދުމަތް ކޮށްދެއްވަން ބޭނުންފުޅުވާ ގިނަ ފަރާތްތަކެއް ސިޔާސި މައިދާނަށް ނިކުންނަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެއީވެސް ކުރިޔަށް އޮތް ތާގައި ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުން ޕާޓީއަކާ ގުޅުމުގެ ފުރުސަތު އޮންނަ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. ވަކި ނަސަބެއް ހަސަބަކަށް ބެލުމެއް ނެތި ސިޔާސީ މައިދާނުގައި ގައުމަށް ހިދުމަތް ކޮށްދޭން ބޭނުން ކޮންމެ މީހަކަށްވެސް އެ ފުރުސަތު ހޯދައި ދިނުމަށް ގާސިމް ކޮށްދެއްވާފައިވާ މަސައްކަތްތައް އަބަދުވެސް ފެންނަނެ ހުންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ވަކި މީހަކަށް ތަފާތު ކުރުމެއް ނެތި ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އަބަދުވެސް ޖުމްހޫރީ ޕާޓީގެ ވިސްނުން ކަމަށާއި އެފަދަ ކޮންމެ މީހަކަށްވެސް އެޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ މުޅި އޮނިގަނޑު ބަދަލުވެ ޒަމާނީ އިންތިޒާމުތަކެއް ހިންގޭ ސިޔާސީ ހަރަކާތަކަށް ޖުމްހޫރީ ޕާޓީ ވަނީ ތައްޔާރުވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ