ކަރަންޓު ފިސްތޯލައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ފައިރޫޝްގެ ރައްދެއް

ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދޭން އުޅޭތީ ފުލުހުންނަށް ކިޔަމުންދާ ފާޑުކިޔުންތަކަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރައްދެއް ދެއްވައިފި އެވެ. ފުލުހުންނަށް ކަރަންޓު ފިސްތޯލަ ބޭނުން ކުރަން ފަށާކަން ފުލުހުން ހާމަ ކުރީ އިއްޔެ އެވެ. އެއާއެކު، ދިވެހި ފުލުހުންނަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ބައެއް ކަމުން ފުލުހުންނަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ދިނުމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ އިއްޔެ ގިނަ ބަޔަކު ކަންބޮޑުފުން ފާޅު ކުރި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ގޭންގުތައް ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަން ލާޒިމު ކަމެވެ. ނަމަވެސް، ތަސައްވުރަކީ އެކަން ކުރަން ބާރުވެރިވެފައި ނެތް ފުލުހުންތަކެއް ތިބުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. https://twitter.com/fairoosh/status/1263013288192946176 އިއްޔެ ކޮމިޝަނާ އޮފް ޕޮލިޒް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުން ކަރަންޓް ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، އެ ފިސްތޯލަ އަކީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ. އެ ފިސްތޯލަ ދޭން ނިންމާފައި ވަނީ ވަކި ތަމްރީނެއް ފުރިހަމަ ކުރާ ފުލުހުންނަށެވެ. އަދި އެ ފިސްތޯލަ ގެންގުޅޭ ފުލުހުން އަމަލު ކުރާ ގޮތް ދެނެގަންނަން ބޮޑީ ކެމެރާއެއް އެ ފުލުހުންގެ ގައިގައި ހަރުކުރާނެ އެވެ. ކަރަންޓް ފިސްތޯލަ އަކީ އާންމު ގޮތެއްގައި ސިއްހަތު ރަނގަޅު މީހުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް، ދާއިމީ ބައެއް ކަހަލަ ބަލިތައް ހުންނަ މީހުންގެ ގަޔަށް އެ ފިސްތޯލަ ޖަހައިފި ނަމަ ފުރާނައަށް ނުރައްކާވެދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ