މެމްބަރު އިބްރާހީމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އިބްރާހީމް ދީދީގެ މައްޗަށް ދެވަނަ ފަހަރަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައި މިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގަ އެވެ. އޭރު އިބްރާހީމް ދީދީ ހުންނެވީ އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލްގެ މަގާމުގައި މާލޭ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.
މިމައްސަލާގައި އިބްރާހީމް ދީދީގެ އިތުރުން ރައީސް ނަޝީދާއި އެދުވަސްވަރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އަދި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
މީގެ ތެރެއިން މޫސާ އަލީ ޖަލީލާއި ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ރައީސް ނަޝީދު ވަނީ 13 އަހަރަށް ޖަލަށް ލުމަށާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު 10 އަހަރަށް ޖަލަށްލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އިބްރާހީމްގެ ދީދީގެ މައްޗަށް މިމައްސަލާގައި އެންމެ ފުރަތަމަ ދައުވާކުރެވުނު ފަހުން އެމަނިކުފާނުގެ ސިއްހީ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ ދައުވާ އަނބުރާ ގެނެސްފަ އެވެ. އަދި އޭރު ދައުވާ އަނބުރާ ގެނައިކަން ޕީޖީ އޮފީހުން އިބްރާހީމް ދީދީ އަށް އަންގާފައިވެސްވެ އެވެ.
އިބްރާހީމް ދީދީގެ މައްސަލަ އަނބުރާ ގެނައީ މިމައްސަލާގައި ދައުވާ ލިބުނު ސިފައިންގެ ދެ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުވެފައި ނުވާތީ ކަމަށްވެސް އެ ދުވަސްވަރު ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ