ރައީސް މައުމޫން އެކަހެރިކުރައްވައިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ އެއްވެސް މޮޅެއް ގަދަރެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް މައުމޫން އެކަހެރިކުރައްވައިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ އެއްވެސް މޮޅެއް ގަދަރެއް ނޯންނާނެ ކަމަށާއި، އިހުތިރާމާއި ގަދަރާއި ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީސް ސަލާމަތީ ބާރުތަކުން ހިސާރުކޮށްފައިވާ ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މި ސަރުކާރުން ރޭވެސް ކޮށްފައިވަނީ ވަރަށް ލަދުވެތި އަމަލުތަކެއް ކަމަށެވެ.
ގާނޫނުއަސާސީން ރައީސް މައުމޫނަށް ލިބިފައިވާ އަސާސީ ހައްގުތައް ނިގުޅައިގަންނަ މިންވަރަށް މި ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަސުރުމާ ކުލައިގެ ޓައީތަކެއްގެ މެދުގައި ރައީސް މައުމޫނުގެ ފޮޓޯފުޅުތަކެއް ޖައްސަވައިގެން މިސަރުކާރުގެ މަސްއޫލުވެރިން އެ ފޮޓޯފުޅު ވިއްކެވި ހަނދާން އަދިވެސް އެބަހުރި. ރައީސް ޔާމީނަކީ އަސާގަނޑެއްހެން ރައީސް މައުމޫނުގެ ކޮނޑުފުޅުގައި އެލިވަޑައިގެން ރައީސް ކަމަށް ވަޑައިގެންނެވުނު ބޭފުޅެއް. ރައީސް ކަމުގެ މަގާމް ލިބުނީމާ އެމަނިކުފާނު އެއްފަރާތްކޮށްލެއްވުމަކީ ވަރަށް ލަދުވެތިކަމެއް" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރަށް ޕީޕީއެމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރާ ގޮތާއިމެދު ވެސް ޝާހިދު ވަނީ ފާޑުވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ޕީއެމްގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރަނީ އެ ކެންޑިޑޭޓުން އަމިއްލައަށް ކަމަށާއި، ސަރުކާރުގެ މަސްއޫލުވެރިންނަށް ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރެނީ މި ސަރުކާރަކީ ލަދުވެތި ކަންތައް ކުރާ ސަރުކާރަކަށްވާތީ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ޚުދުމުޚްތާރު ސަރުކާރުގެ ދިފާއުގައި ރައްޔިތުންގެ ކައިރީގައި ބަސްބުނަން ޖެހިފައިވަނީ ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކަމަށާއި އެއީ ހަގީގަތުގައި ވެސް ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ވެރިކަމުގައި ތިބީ ލާމަރުކަޒީ ބާބު އެކުލަވާލިއިރުވެސް އެ ބާބާ ދެކޮޅު ހެދި މީހުން ކަމަށާއި، އެ މީހުންގެ ބޭނުމަކީ އަތޮޅުތަކަށް އެ ގާނޫނުން ލިބިދޭ ބާރުތައް ނިގުޅައިގަނެ، މާލެއަށް ހުރިހާ ބާރުތަކެއް ޖަމާކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ ޚުދުމުޚްތާރު ވެރިކަމެއް ކުރުން ކަމަށެވެ.
އަދި މި ވެރިކަމަށް ކެރިގެން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ތިލަފަތަށް ވޯޓުދީގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް މައުމޫން އެކަހެރިކޮށްގެން މޮޅެއް ނުލިބޭނެ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ