ކޯޓުން ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފި

ސިއްހީ ހާލަތު ހުރިގޮތުން، ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ދަޢުވާ ދައުލަތުން އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން، ކްރިމިނަލް ކޯޓުގައި ނާޒިމްގެ ވަކީލުން އެކަމަށް އެދިވަޑައިގަތުމުންނެވެ.
ނާޒިމްގެ ސިއްހީ މައްސަލައަކީ ކޮބާކަން ޝަރީޢަތުން އެއްސެވުމުން، ނާޒިމް ވިދާޅުވީ އެހާ ޒާތީ ކަމެއް މީޑިޔާވެސް ހުރި ތަނެއްގެ ކުރިމަތީގައި ހާމަކުރުމަށް އުޒުރުވެރިވާ ކަމަށެވެ. އެހެންކަމުން، ނާޒިމްއާއި، ނާޒިމްގެ ވަކީލުންނާއި ފަނޑިޔާރުން ވަކިން ބައްދަލުކޮށް، އެކަން ވަނީ ހިއްސާ ކޮށްފައެވެ.
އެއަށްފަހު ޝަރީޢަތުން ބުނީ، ނާޒިމް ގެޔަށް ބަދަލުކުރުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތުމާއި، ސިއްރު ހެކިންގެ ހެކިބަސް ނަގައި ނިމިފައި ވުމާއި އެކު ތިން ފަނޑިޔާރުންވެސް ނާޒިމް ގެޔަށް ބަދަލުކުރުމަށް އިއްތިފާޤުވެފައިވާ ކަމަށެވެ.
ނާޒިމް 24 ގަޑިއިރަށް ގޭބަންދަށް 15 މާރޗް 2015 ވަނަ ދުވަހު ބަދަލު ކުރެވުނެވެ. އެހެން ނަމަވެސް އެ 24 ގަޑިއިރު ހަމަވުމަށްފަހު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް، ދޫނިދޫއަށްް އަލުން އަނބުރައި ގެންދެވިފައެވެ.
މީގެ އިތުރުން، ނާޒިމް މީގެ ކުރިން ވަނީ ސިއްހީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށްވެސް ގެނެވިފައެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމާފައި ވަނީ ނާޒިމްގެ ޝަރީޢަތުގެ އަޑުއެހުންތައް އެއްކޮށް ނިމެންދެން އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ