އިދިކޮޅު ހަރަކާތްތަކުގައި ޖޭޕީގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނޯންނާނެ - ގާސިމް

"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ހިންގާ ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީޓީވީއަށް މިއަދު މެންދުރުފަހު ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުގައި ޖޭޕީގެ އިސް ބައެއް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ހައިސިއްޔަތުން ކަަމަށާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވުމާއި މެދު ޖޭޕީއިން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށެވެ.
"އަމިއްލަ ހައިސިއްޔަތުން އެބޭފުޅުން ބައިވެރިވަމުން އެދަނީ، ޕާޓީގެ ވަކި ސްޓޭންޑެއް ނޯންނާނެ ވަކި ބަަޔަކަށް ތާއީދުކޮށް ނުކުރުމަކަށް، އެހެންވީމާ އެމްޑީޕީން ނުވަތަ އަދާލަތު ޕާޓީން ކުރިއަށްގެންދާ ހަރަކާތްތަކުގައި އެއްވެސް ޖޭޕީގެ ރަސްމީ ހައިސިއްޔަތެއް ނޯންނާނެ." ގާސިމް ވިދާޅުވިއެވެ.
"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ޖޭޕީގެ ދެ ނައިބު ލީޑަރުން ކަމަށްވާ އަމީން އިބްރާހިމް އާއި ޑރ. ހުސެއިން ރަޝީދު އާއި ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރާއި ޖޭޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ގާސިމް ދެއްވި ބަސްދީގަތުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް މީރާއިން އެންގި މައްސަލައިގައިއެވެ. ދައުލަތަށް 100 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވެފައިވާއިރު، މި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ