ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ، މާޒިޔާއިން ފުރަތަމަ މޮޅު ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވެލެންސިޔާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާ، ލީގުގެ ފުރަތަމަ މޮޅު މާޒިޔާއިން ހޯދައިފިއެވެ.
މި މޮޅާއެކު މާޒިޔާ އޮތީ 4 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައެވެ. ވެލެންސިޔާ އޮތީ ޕޮއިންޓަކާ އެކީ ލީގުގެ 7 ވަނައިގައެވެ. އެއްވަނައިގައި 4 ޕޮއިންޓާއެކީ އޮތީ ނިއުރޭޑިއަންޓެވެ.
މި މެޗުގެ ކުރީކޮޅު ވެލެންސިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ މާޒިޔާއިންނެވެ. މި ގޯލް މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިޔާ ހޮސޮއޭއެވެ.
މި ގޯލްޖެހިތާ އިރުކޮޅެއްފަހުން މާޒިޔާގެ އުމެއިރަށް ގޯލްޖަހާނެ އިތުރު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ވެލެންސިޔާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ އުމެއިރު ކުރިއަށް ފޮނުވާލި ބޯޅަ ވެލެންސިޔާގެ ކީޕަރު އާތި ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިޔާގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަކީ މާޒިޔާގެ ކީޕަރު އިމްރާން އަތުން ބޯޅަ ދޫވުމުން އޭގެ ފައިދާ ނަގާ ކޮކީ ކާމިޔާބުކޮށްދިން ގޯލެކެވެ.
ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު މާޒިޔާއިން ވަނީ ދެވަނަ ފަހަރަށް މި މެޗުގައި ލީޑުނަގާފައެވެ. އިމާޒް ދިން ބޯޅައަކުން މާޒިޔާއަށް ދެވަނަ ފަހަރަށް ލީޑުނަގައިދިނީ އެޓީމުގެ ފޯވާޑް އަސަދު އަބްދުﷲ އެވެ.
މާޒިޔާއިން ދެވަނަ ފަހަރަށް ލީޑުނެގިތާ އިރުކޮޅެއްފަހުން، ވެލެންސިޔާގެ ރިލޭއަށް ނަތީޖާ އެއްވަރުކޮށްލާނެ ފުރުސަތެއް ލިބުނު ނަމަވެސް، މާޒިޔާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ އޭނާ ކުރިއަށް ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން ވެސް ވެލެންސިޔާއިން މާޒިޔާގެ ގޯލަށް އިތުރު ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތަށް ވެސް އިމްރާން ވަނީ ދިފާއުކޮށްފައެވެ.
ލީގުގައި މާދަމާ ހަވީރު ވެސް މެޗެެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ