ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާގެ މަޝްރޫއުތައް ލަސްވަނީ ކޮލެޓީ ކަށަވަރު ކުރުމުގެ މަސައްކަތް ކުރާތީ ކަމަށް

ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ ތައުލީމީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތަކުގެ ދުވެލި ލަސްވަނީ އެ މަސައްކަތްތަކުގެ ކޮލެޓީ ކަށަވަރު ކުރުމުގެ މަސައްކަތް ކުރާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ތައުލީމީ ދާއިރާގެ 160 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށެވެ. އަދި، އެ މަސައްކަތްތައް ކުރަމުން ދަނީ ރަނގަޅަށްތޯ މިނިސްޓްރީން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ މަސައްކަތް ކުރެވެމުންދާއިރުގައި ރައްޔިތުންގެ ފައިސާއިން މަސައްކަތް ކުރެވޭއިރުގައި އެ ކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކޮލިޓީގައި ފެންވަރު ރަނގަޅުކޮށް ކުރެވޭ މަސައްކަތެއް ކަމަށް ކަށަވަރު ކުރެވެން ވާނެޔޭ، އެފަދަ ކަންކަމަށް ވަގުތު ހޭދަކުރަން ޖެހުމާއެކުގައި ހަމަ ކޮންމެވެސް ވަރަކަށް ޑީލޭސް ތަކެއް މި އުޅެނީ،" ޝަފީއު ވިދާޅުވި އެވެ.
އެހެންނަމަވެސް، އެކަންކަން ކުރުމުގައި ވެސް މިނިސްޓްރީން މިހާރަށްވުރެ ބާރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވަ ކަމަށް ޝަފީއު ވިދާޅުވި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ތަފާތު އެކި ދާއިރާތަކުގެ މެންބަރުން ވަނީ އެ ދާއިރާތަކުގައި ފަށާފައި ހުރި މަޝްރޫއުތައް ނުނިމޭ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
ޖަވާބުގައި ޝަފީއު ވިދާޅުވީ އެ ސުވާލުތައް މެންބަރުން އަމާޒު ކުރަނީ ތައުލީމީ ދާއިރާގެ މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތީ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ