ދިވެހިރާއްޖޭގައި އަހަރަކު 500،000 އަށް ވުރެ ގިނަ ޓަނުގެ ކުނި އުފައްދާ ކަމަށާއި އެންމެ ގިނައިން ކުނި އުފައްދަނީ ފަތުރުވެރިން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓު ބައިގެ ޑިރެކްޓަރު އަހުމަދު މުރުތަޒާ ވިދާޅުވީ، ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ ކަމަށެވެ.
މުރުތަޒާ ވިދާޅުވީ ރާއްޖޭގެ އާބަން ސެންޓަރުތަކުގެ ގޮތުގައި ބެލެވޭ ސަރަހައްދުގައި ކޮންމެ ބޮލަކަށް ދުވާލަކަށް އުފައްދަނީ 1.6 ކިލޯގެ ކުނި ކަމަށެވެ. ނަމަވެސް ކޮންމެ ފަތުރުވެރިއަކު ދުވާލަކަށް 3.5 ކިލޯގެ ކުނި އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކުނި އިތުރުވަމުންދާ މިންވަރަށް ބަލާއިރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ފަސް ލައްކަ ޓަނުގެ ކުނި މުޅި ރާއްޖޭގައި އުފައްދާ. އެއީ ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ބޮލަކަށް ގާތްގަނޑަކަށް 1.2 ނުވަތަ 1.6 ކިލޯ،" މުރުތަޒާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ކޮންމެ ފަތުރުވެރިއަކަށް ގެސްޓްނައިޓަކަށް އެބަ އުފައްދާ 3.5 ކިލޯގެ ކުނި. މާނައަކީ އެ ދާއިރާގައި އުފައްދާ ކުނި ގިނައޭ އާންމު ރައްޔިތުން އުފައްދާ ކުންޏަށްވުރެ. ގާތްގަނޑަށް ތިން ގުނަ އިތުރު."
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ތިމާވެށީގެ ގޮތުން ބަލާއިރު ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ ކުނީގެ މައްސަލަ ކަމަށެވެ.
"ކުނީގެ މައްސަލައަކީ ނަންބަރު ވަން އެންވަރަމެންޓަލް އިޝޫގެ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު މި އޮތީ ހުރިހާ ރަށެއްގައި ވެސް ނޭޝަން ވައިޑުކޮށް،" މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި، ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް މުރްތަޒާ ވިދާޅުވީ، ކުނި މެނޭޖް ކުރަން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ މަސައްކަތަށް ވަރަށް ގިނަ ފައިސާ ހޭދަވުން ކަމަށެވެ.
"ވަށާޖެހޭ ގޮތެއްގައި ރާއްޖޭގައި މިކަން ކުރަން ގޮންޖެހުންތަކެއް އެބަހުރި. އެއްކަމަކީ މިކަމަށް ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެގެން ދިޔުން. ހާއްސަކޮށް ރާއްޖޭގެ ޖިއޮގްރަފީ މި އޮންނަ ގޮތުން ބަރޯސާ ވާންޖެހޭ އެއްގަމު ޓްރާންސްޕޯޓާއި މެރިން ޓްރާންސްޕޯޓަށް،" އޭނާ ވިދާޅުވި އެވެ.
ކުނީގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ގެންގުޅޭ ވިސްނުން މިއަދު ވަނީ ހާމަކޮށްފަ އެވެ. މުރުތަޒާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްލޭނަކީ ކުނި މެނޭޖް ކުރާ ކުޑަ ހަތަރު ފެސިލިޓީއަކާއި ބޮޑު ފެސިލިޓީއެއް ޖުމްލަ ހަތް ސަރަހައްދެއްގައި ގާއިމް ކުރުން ކަމަށެވެ.
މާސްޓާ ޕްލޭނަކީ މުޅި ރާއްޖޭގައި [ކުނި މެނޭޖް ކުރާ] ސަރަހައްދީ މަރުކަޒުތަކެއް ގާއިމް ކުރުން. އެގޮތުން ބަލާއިރު މޭޖާ ތިން ފެސިލިޓީއަކާއި އެއާ ގުޅިގައި ހުރި އިތުރު ހަތަރު ފެސިލިޓީއެއް [ގާއިމް ކުރަނީ]،" މުރްތަޒާ ވިދާޅުވި އެވެ. "މި ހުރިހާ ތަންތަނެއް ނިމިގެން ދިޔައީމަ ވަށާޖެހޭ ގޮތެއްގައި މިކަން ކުރެވޭ ނިޒާމެއް ގާއިމް ކުރެވިގެންދާނެ."
ރާއްޖޭގައި އަހަރަކު 500،000 އަށް ވުރެ ގިނަ ޓަނުގެ ކުނި އުފައްދާ، އެންމެ ގިނައިން ކުނި އުފައްދަނީ ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ