އެއްވެސް ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވުން ބަލައިނުގަނެވޭ، ފިޔަވަޅު އަޅާނަން: ޝަފީޢު
އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭ ކަމަށާއި މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަފީޢު ވިދާޅުވީ، މިދިޔަ ޖޫން މަހާއި އޭގެ ކުރިންވެސް ސަރުކާރުން ކުރި މަސައްކަތްތަކާއެކު ސްކޫލުތަކަށް ދަރިވަރުންގެ ހާޒިރީ އެޑިއުކޭޝަން މިނިސްޓްރީއާ ކޮންމެ ދުވަހަކު ހިއްސާކުރަން މަޖުބޫރުވާނެ ކަމަށެވެ. https://sun.mv/224141 ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވުނީ ސްކޫލުތަކުން މިނިސްޓްރީއާ ހާޒިރީ ހިއްސާކުރަން ފެށި ފަހުން ކަމަށް ޝަފީޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ސްކޫލަށް ނުދިއުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެއާއެކު، ސްކޫލަށް ދަރިވަރުން ހާޒިރުނުވާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ކުއްޖަކު ނުދިއުމަކީ ވެގެންވާނެ ކަމެއް ނޫން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކަމަށް ފިޔަވަޅު އަޅާނެ،" ޝަފީޢު ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް، ދަރިވަރުން ހާޒިރުނުވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އަންގައިފައިވާ ކަމަށެވެ. ނަމަވެސް ސީދާ އަޅާނެ ފިޔަވަޅެއް ޝަފީޢު ހާމަނުކުރައްވައެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހު ފެށި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ކުރިޔަށްދާ މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ގަވައިދުން ސްކޫލަށް ނުދާ ކަމަށް ވިދާޅުވެ، ޝަފީޢު ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ. "އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ޚާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ޝަފީޢު އޭރު ވިދާޅުވެފައިވެއެވެ. ޝަފީޢު ވިދާޅުވީ މި ދުވަސްވަރު ސުކޫލަށް ހާޒިރުނުވާ ދަރިވަރުން އެންމެ ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މި ސަރަހައްދުގެ ސުކޫލުތަކުގެ 40 އިންސައްތަ ދަރިވަރުން ސުކޫލަށް ނުދާކަން ޝަފީއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ސުކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ އެ ދަރިވަރެއްގެ އުނގެނުމަށް ގޯސް އަސަރު ކުރާނެ ދުވަހެކެވެ. އަދި، ތަކުރާރުކޮށް ސުކޫލަށް ނުދާނަމަ، ދަރިވަރުން ސުކޫލަށްދާ ހިތްނުވުން އެކަށީގެންވާކަން ޝަފީއު ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ