ސިއްޙީ ޚިދުމަތަކީ ހަމައެކަނި އާއްމު ޚިދުމަތެއްނޫންކަމަށާއި މިއީ މުޖުތަމަޢުގެ ހަމަހަމަކަން ޤާއިމުކުރުމުގެ އެންމެ މުހިންމު ޚިދުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، 3 ވަނަ އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026 ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި އިތުރު 9 ޤައުމަކުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންފަރެންސް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، މިފަދަ ކޮންފަރެންސްއެއްގެ ސަބަބުން، ސިއްޙީ ދާއިރާގެ އެކި ޚިދުމަތްތައް ދޭ ހެލްތު ކެއަރވޯކަރުން އެއްތަނަކުން ބައްދަލުވެއް، ބިނާކުރަނިވި މުހިންމު މަޝްވަރާތަކަކަށް މަގުފަހިވެގެންދާކަމަށެވެ.
މިއީ ހަމައެކަނި ސިއްޙީ ދާއިރާގެ ކުރިއެރުމާގުޅޭ ކަމެއް ނޫންކަމަށާއި މިއީ ކުރިމަގުގައި މުޖުތަމަޢުގެ ދުޅަހެޔޮކަމުގެ އަމާޒަށް ވާސިލުވުމުގެ ފިޔަވަޅުތަކެއްކަމަށް ވިދާޅުވިއެވެ. ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދުޅަހެޔޮ ސިއްޙަތެއް ނެތް މުޖުތަމަޢުއެއްގައި ކުރިއަރާ ދިއުމުގެ ޤާބިލުކަމެއް ނުލިބޭނެކަމަށެވެ.
އެކަމަނާ ވިދާޅުވީ ބަލިމީހާގެ ފަރުވާގެ ކޮންމެ މަރުޚަލާއަކީ އެތައް ޞިއްޙީ އެހީތެރިންނެއްގެ ވަރަށް ބުރަ އަދި ފަރުވާތެރިކަމާއެކު ކުރަމުންދާ މަސައްކަތެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދުނިޔޭގެ ޞިއްޙީ ނިޒާމަށް އީޖާދީ ބޮޑެތި ބަދަލުތައް އަންނަމުންދާއިރު، ރާއްޖެއިންވެސް މި ބަދަލުތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިފަދަ މަޝްވަރާތަކުގެ އަލީގައި ދާއިރާގައި ހުރި ގޮންޖެހުންތަކަށް މުހިންމު ޙައްލުތަކެއް ހޯދުމަން ގިނަ ޚިޔާލުތަކެއް ލިބޭކަންވެސް ފާހަގަކުރެއްވިއެވެ.
"ދިރާސީ ހޯދުންތައް، ޚިޔާލުތައް އަދި މުހިންމު މަޝްވަރާތައް މި ބައްދަލުވުމުގައި ގެންދެވޭ. ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ސިއްޙީ ޚިދުމަތަކީ ލަގްޒަރީއެއް ނޫން. އެއީ ފަސޭހައިން ޚިދުމަތް ލިބިގަތުމަށް ކޮންމެހެން ފަހިކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް. އުމްރާނީ ވަސީލަތާއި އިންސާނީ ވަސީލަތަކާއި ޒަމާނީ ޚިދުމަތްތައް ޤާއިމުކުރަން ގިނަ މަސައްކަތްތަކެއް ކުރޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
އެކަމަނާ ވަނީ ބަލިމީހުންގެ އެންމެ ގާތް ބައިވެރިންގެ ގޮތުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ނަރުހުން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން ބަލިހާލަތުގައިވާ މީހާއާއި އާއިލާތަކާއި އެންމެ ގާތުން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ.
މިފަދަ ބައްދަލުވުންތަކުގެ އަލީގައި ގުޅިގެން މަޝްވަރާކޮށް، ސިއްޙީ ނިޒާމު ހަރުދަނާކުރުމުގައި ރާއްޖޭގެ މާހައުލަށް ބޭނުންވާ ބަދަލުތައް ދިރާސާކޮށް ހޯދާ ލިބިގަތުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެދިވަޑައިގެންފައެވެ.
މުޖުތަމަޢުގެ ހަމަހަމަކަން ޤާއިމުކުރުމަށް އެންމެ މުހިއްމީ ޞިއްޙީ ޚިދުމަތް: ފަސްޓް ލޭޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ