ހުޅުމާލޭގައި ގާނޫނާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރި ދެ ބިދޭސީއަކު ފުލުހުން އިއްޔެ ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިފެހެއްޓީ "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް"ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އޮންނަ އެމްޑީ މޮނިރް އާއި "އޭޔޫ ފެހުން"ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އޮންނަ އެމްޑީ ހަބީބު އުލާހް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ ދެ މީހުން ހިފެހެެއްޓީ ކުނި އުފުލުމަށް އެމީހުން ބޭނުންކުރާ ޕިކަޕާ ވެސް އެކުގަ އެވެ.
އެ ދެ މީހުންނަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ކުނި މެނޭޖުކުރުމުގެ ގާނޫނާއި ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެމްކޯ އިން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް 2016 ވަނަ އަހަރު ފެށުމާ އެކު، އަމިއްލަ މީހުން ކުނި އުކާލުމުގެ މަސައްކަތް ކުރުން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަނީ މަނާކޮށްފަ އެވެ. އަދި އޭގެ ކުރިން މާލޭގައި ކުނި އުކާލުމުގެ މަސައްކަތުގައި މުޅިހެން އުޅުނީ ބިދޭސީންނެވެ.
ކުނި އުކާލުމުގެ ހިދުމަތް ވިޔަފާރި އުސޫލުން ދެވޭނީ އެކަމަށް ހާއްސަ ލައިސެންސެއް ވެސް ނަގައިގެންނެވެ. އަދި އެ އުސޫލާ ހިލާފުވާ މީހުން 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.
ގާނޫނާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރާ ދެ ބިދޭސީއަކު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ