ދެކުނު އެފްރިކާއިން ކްރިޕްޓޯ ކަރަންސީން ޓެކްސް ނެގުމުގެ އައު އުސޫލެއް އެކުލަވާލަނީ
ދެކުނު އެފްރިކާއިން ކްރިޕްޓޯކަރަންސީން ޓެކްސް ނެގުމުގެ އައު އުސޫލެއް އެކުލަވާލަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ދެކުނު އެފްރިކާގެ ޓެކްސް އިދާރާ (ސާސް) އިން، ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުން ޓެކްސް ނެގޭނެ ގޮތްތަކެއް ބަޔާންކުރާ އައު އުސޫލެއްގެ ޑްރާފްޓް އާންމުކޮށްފައި މިވަނީ އެ ގައުމުގައި މިހާރުވެސް އަމަލުކުރަމުންދާ 1962 ވަނަ އަހަރުގެ އިންކަމް ޓެކްސް ގާނޫނުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކާއި، ކްރިޕްޓޯ ބަދަލުކުރުމާއި، އަދި އޭގެއިން ކުރާ ޚަރަދުތަކަކީވެސް ޓެކްސް ދައްކަންޖެހިދާނެ ފަދަ މުއާމަލާތްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ޓެކްސް ދައްކަންޖެހޭ މިންވަރު ބިނާވެގެންވަނީ އެ މީހެއްގެ އަމިއްލަ މާލީ ހާލަތުގެ މައްޗަށެވެ. މި އައު އުސޫލުގެ ސަބަބުން ދެކުނު އެފްރިކާގައި ކްރިޕްޓޯ ގެންގުޅޭ 5.8 މިލިއަނަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރު ކުރާނެ ކަމަށް ދިރާސާކުރާ ފަރާތްތަުން ލަފާކުރެވެއެވެ. https://sun.mv/224162 އެގައުމުގެ ޓެކްސް އިދާރާއިން ހާމަކުރި ގޮތުގައި ކްރިޕްޓޯއަކީ ގާނޫނީ ފައިސާއެއް ނުވަތަ ބޭރު ފައިސާއެއް ނޫނެވެ. އެހެންނަމަވެސް، ޓެކްސް ނެގުމުގެ ބޭނުމަށް ޓަކައި އެއީ މާއްދީ ސިފައެއް ނެތް ޒާތީ މުދަލެއް (އިންޓެންޖިބަލް އެސެޓް) ގެ ގޮތުގައި ބެލެވޭނެއެވެ. މީގެއިތުރުން، މީހަކު ކްރިޕްޓޯ ގެންގުޅޭ މަގްސަދަށް ބަލައި، އެއީ ވިޔަފާރިވެރިއެއް ނުވަތަ އިންވެސްޓަރެއްގެ ގޮތުގައި ކަނޑައަޅާނެއެވެ. މި އުސޫލުގައިވާ ގޮތުން ކްރިޕްޓޯކަރަންސީ ހަދިޔާކުރުމުން ނުވަތަ ޑޮނޭޝަން ދިނުމުންވެސް ދެކުނު އެފްރިކާގެ ގާނޫނުގެ ދަށުން 20 އިންސައްތައާއި 25 އިންސައްތައާ ދެމެދުގެ އަދަދަކަށް ޓެކްސް ނެގޭނެއެވެ. މިހާރު އާންމުކޮށްފައިވާ އުސޫލަކީ އަދި ގާނޫނީ ގޮތުން މަޖުބޫރު އެއްޗެއް ނޫން ކަމަށާއި، މި އޯގަސްޓް މަހުގެ ނިޔަލަށް މިކަމަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ދެކުނު އެފްރިކާއަކީ އެފްރިކާ ބައްރުގައި އެންމެ ފުޅާދާއިރާއެއްގައި ކްރިޕްޓޯގެ ވިޔަފާރިކުރާ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ގައުމަށް 26 ބިލިއަން ޑޮލަރުގެ ކްރިޕްޓޯގެ މުއާމަލާތްތައް ވަނީ ވަދެފައެވެ. ދެކުނު އެފްރިކާގެ އިތުރުން ޔޫކޭ އަދި އިންޑިއާ ފަދަ ގައުމުތަކުންވެސް މިހާރު ވަނީ ކްރިޕްޓޯއަކީ ގާނޫނީ ގޮތުން ހިމާޔަތްލިބޭ މުދަލެއްގެ ގޮތުގައި ބަލައިގަންނަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ