މެންބަރު ސައުދާގެ ފިރިކަލުންނަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ދީފި

ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ފިރިކަލުން އަބްދުﷲ މުފީދުއަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ. 
އޭނާ ކުރިން ހުންނެވީ ކައުންސިލް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. ނަމަވެސް، ދާދިފަހުން އެ މިނިސްޓްރީ އުވާލުމާއެކު އެ މިނިސްޓްރީގެ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރިއިރު އޭނާ ހަމަޖެއްސީ ހޯމް މިނިސްޓްރީއަށެވެ. 
މުފީދު ނިސްބަތްވަނީ ފ. ނިލަންދޫއަށެވެ. އޭނާ ވަނީ އެ ރަށުގެ ކައުންސިލް މެންބަރުކަމާއި ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. ފ. އަތޮޅު އޮފީހުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. 
ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު މީގެކުރިން ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތަށް ހުރި ނަމަވެސް އެ މައުލޫމާތު މިހާރު ނުފެނެ އެވެ. 
މިނިސްޓްރީތަކުގެ ވެބްސައިޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އެންމެ ފަހުގެ މައުލޫމާތު ހިމަނާފައި ނެތުމުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ