ބެލްޖިއަމް އާއި ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިޔާނާ ސައީދު ސަފީރުކަމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ދިޔާނާގެ ނަންފުޅު ހުށަހަޅުއްވާ ކަމަށެވެ.
މި ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ކޮމިޓީ މަރުހަލާ ނިމުމުން، ދިޔާނާއަށް ރުހުން ދިނުމާ މެދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.
ދިޔާނާ ސައީދަކީ ރާއްޖޭގެ ސިޔާސީ އަދި ބައިނަލްއަގުވާމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ މީގެ ކުރިން ރާއްޖޭގެ އެޓާނީ ޖެނެރަލްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި މިނިސްޓަރ އޮފް ޖެންޑާގެ މަގާމުވެސް ދިޔާނާ ވަނީ ފުރުއްވާފައެވެ. ދިޔާނާ ސައީދަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.
ބެލްޖިއަމާއި އީޔޫގެ ސަފީރުކަމަށް ދިޔާނާގެ ނަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ