ސިޓީ ކައުންސިލުގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައުލޫމާތު ނުދިނީ ދައުލަތުގެ މާލީ މަސްލަހަތު ހިމާޔަތް ކުރަން!

މާލެ ސިޓީ ކައުންސިލުގެ ތެރެއިން ކޮރަޕްޝަން ހިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މީހުންގެ މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތަކީ ދައުލަތުގެ މާލީ އަދި އިގުތިސޯދީ މަސްހަލަތު ހިމާޔަތްކުރުމުގެ ގޮތުން ދެވެން ނެތް މައުލޫމާތުތަކެއް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. 
ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުގެ ތެރެއިން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. މާލޭ މޭޔަރުގެ މަގާމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގެ ކެމްޕޭނުގައި ގައި އޭރުވެސް މޭޔަރަކަށް ހުންނެވި އާދަމް އާޒިމް ވަނީ ސިޓީ ކައުންސިލުގެ ކޮރަޕްޝަންތަކާ ގުޅޭ މައްސަލަތަކެއް އޭސީސީ އާއި ފުލުހަށް ވެސް ފޮނުވާފައިވާކަން ހާމަކުރައްވާފަ އެވެ. 
ޑިސެމްބަރު 11، 2025 ގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ އިންޓާނަލް ދެ އޮޑިޓެއް ފުރިހަމަކޮށް ފާހަގަކުރެވޭ މައްސަލަތަކުގައި ހިމެނޭ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް އޮތީ ފޮނުވާފަ އެވެ. އާޒިމް އެހެން ވިދާޅުވެފައިވާތީ އައިޝަތު ޝިމަން ކައުންސިލުގައި އެދުނީ އެ ވާހަކަތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ. 
ނަމަވެސް، ގާނޫނުގައި ބުނާ މުއްދަތުގައި ސިޓީ ކައުންސިލް ޖަވާބު ދީފައި ނުވެ އެވެ. ޖެނުއަރީ 2026، ގައި ކައުންސިލުން ޖަވާބު ދިންއިރު އޮތީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަކުން ފާސްކުރުމަށް ފަހު އެ މައުލޫމާތު ޝާއިއުކުރެވޭނެ ކަމަށެވެ. އެ ޖަވާބުގައި ހަވާލާ ދީފައިވާ ގާނޫނުގެ މާއްދާއެއް ވެސް ބަޔާންކޮށްފައި ނުވެ އެވެ. އެ ޖަވާބުގެ މައްސަލަ ޝިމަންގެ ފަރާތުން އައިކޮމްއަށް ހުށަހެޅި އެވެ. 
އެ މައްސަލަ ބެލުމަށް އައިކޮމްއިން މިއަދު ބޭއްވި އަޑުއެހުން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ސިޓީ ކައުންސިލުން އައިކޮމްއަށް އީމެއިލެއް ފޮނުވާފައިވެ އެވެ. އަދި، އެ އީމެއިލްގައި އޮތީ މުޅިން އެހެން ޖަވާބެއް ކަމަށް ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ހާމަކުރެއްވި އެވެ.
"ގާނޫނުގެ 30 ވަނަ މާއްދާގެ ހ. އަދި ށ. އަށް ރިއާޔަތްކޮށް، ދައުލަތުގެ މާލީ އަދި އިގުތިސޯދީ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން މި މައުލޫމާތު ހިއްސާކުރެވެން ނެތް ވާހަކަ،" އާހިދު ވިދާޅުވި އެވެ. 
ޖެނުއަރީ މަހު ދިން ޖަވާބުގައި އެއީ ޝާއިއުކުރެވޭނެ މައުލޫމާތެއް ކަމަށް ބުނުމަށް ފަހު މިހާރު އެ މައުލޫމާތު ދޫނުކުރެވޭނެ ކަމަށް ކައުންސިލުން ބުނުމަކީ ވަރަށް ތަފާތު ދެ ވާހަކައެއްކަން އާހިދު ފާހަގަކުރެެއްވި އެވެ. އާންމު އިގުތިސޯދީ މަސްލަހަތަށް ގެއްލުންވާނަމަ އެފަދަ މައުލޫމާތަކީ ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށްގެން ވެސް އާންމުނުކުރެވޭނެ މައުލޫމާތެއް ކަމަށް އާހިދު ވިދާޅުވި އެވެ.
"ފަހުގެ ތާރީހެއްގައި ވެސް ޕަބްލިޝް ކުރެވޭ މައުލޫމާތެއް ކަމުގައި ވަންޏާ އޭގެ މާނައަކީ ތި ބޭފުޅުން ވެސް ގަބޫލުކުރެއްވީއެއް ނޫންތީ މިއީކީއެއް އާންމު އިގުތިސޯދީ މަސްހަލަތަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވާނެ މައުލޫމާތެއް ނޫން ކަމަށް، އެހެންވީމާ ފުށުއެރުމެއް އެބައުޅޭ މީގައި،" އާހިދު ވިދާޅުވި އެވެ. 
އެ ޖަވާބަކީ ފުރިހަމަ ޖަވާބެއް ނޫން ކަމަށް އާހިދު ކަނޑައެޅުއްވި އެވެ. އަދި  ޖަވާބު އިސްލާހު ކުރުމަށް ފަހު މަސައްކަތު ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް އެންގެވި އެވެ. 
އެ މައުލޫމާތު ހޯދުމަށް ޝިމަން އެދުނުއިރު މާލެ ސިޓީ ކައުންސިލުގައި އޮތީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ މެޖޯރިޓީ އެވެ. ނަމަވެސް، މިހާރު އެ ކައުންސިލުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ