ހދ. އަތޮޅުން ހަދަން އުޅޭ ބޯޑުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭން އަންގައިފި

ހދ. އަތޮޅުގެ ތަރައްގީއަށްޓަކައި އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމާފައިވާ އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އަންގައިފި އެވެ.
ވީ ކިހިނެއް؟ - މި ބޯޑު އުފައްދަން ނިންމާފައިވަނީ، އިދިކޮޅު އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ހދ. އަތޮޅުގެ ރަށްރަށުގެ ރައީސުންނާ އެކު، އެ އަތޮޅުގެ ވެރިކަންކުރާ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ.
ބުނީ ކީކޭ؟ - އެލްޖީއޭން މިއަދު ކުޅުދުއްފުށީ މޭޔަރު އާތިފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރުމުގެ ޒިންމާ ގާނޫނުން ހަވާލުކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އެލްޖީއޭން ބުނީ:
އެކަންކަން އެހެން އޮތުމުން ކުޅުދުއްފުށި ކައުންސިލާއި އަތޮޅުގެ ހުރިހާ ރަށްތަކުގެ ކައުންސިލްތައް ގުޅިގެން ބޯޑެއް އެކުލަވާލައި މަސައްކަތްކުރުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ނުދެކެން
ކައުންސިލުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މަހުފޫމަށް ފުށޫއަރާ ކަމެއް
"ވީމާ ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުލެވިގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ ކަންކަން ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައިވެ އެވެ.
އެނގުން މުހިންމު - އަތޮޅުގެ ތަރައްގީ އާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރަން އޮތް އަތޮޅު ކައުންސިލުތައް މި ސަރުކާރުން ވަނީ އުވާލާފަ އެވެ. 
ހދ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން ބޭއްވި ބައްދަލުވުމުގައި، އަތޮޅުގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށް އެ އަތޮޅުގެ ރަށްތައް ތަމްސީލު ވާނޭހެން، ބޯޑެއް އުފެއްދުމަށް ހުށަހެޅުއްވީ އާތިފެވެ.
އެ ހުށަހެޅުމަށް ހުރިހާ ރައީސުން ވެސް ތާއީދުކުރެއްވި އެވެ. އެހެންވެ، އެ ބޯޑުގެ މަގްސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހުގެ 15ގެ ކުރިން އެކުލަވާލުމަށް ނިންމާފައިވެ އެވެ.
މި ބައްދަލުވުމުގައި އެ އަތޮޅުގެ 10 ރަށުގެ ކައުންސިލު ރައީސުން ބައިވެރިވި އެވެ. އެއީ:
ކުޅުދުއްފުށި 
ކުމުންދޫ
ނޮޅިވަރަން 
ނޮޅިވަރަންފަރު
ވައިކަރަދޫ 
ނޭކުރެންދޫ 
ފިނޭ 
ކުރިނބީ
ނައިވާދޫ 
ނެއްލައިދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ