ހދ. އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރާ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން މިއަދު އަންގައިފި އެވެ. 
އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި ތަރައްގީއަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ބޯޑެއް ހަދަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމުގައި އިސް ނަގާފައި ވަނީ ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުންނެވެ. 
އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެލްޖީއޭއިން ބުނެފައި ވަނީ ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމުން، އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެލްޖީއޭގެ ޒިންމާއެއް ކަމަށެވެ. އަދި ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެ އެވެ. 
"ތިޔަ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް މި އޮތޯރިޓީ އިން ނުދެކެން. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމްކޮށްގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުށުއަރާ ކަމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ. 
އެލްޖީއޭއިން އަމުރުކޮށްފައި ވަނީ ބޯޑު ހެދުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށެވެ. އަދި ބޯޑު ހަދަން ނިންމި ސަބަބު ބަޔާންކޮށްދިނުމަށް ވެސް އެލްޖީއޭއިން އަންގާފައިވެ އެވެ. 
"... އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލްވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަން،" އެލްޖީއޭއިން ބުނެފައިވެ އެވެ. 
އެ މައްސަލައިގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ސަރުކާރުން ބިރު ދެއްކި ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 
"މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. މި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ،" އާތިފް ވިދާޅުވި އެވެ. 
އޭގެ އިތުރުން، ހދ. އަތޮޅުގެ ކައުންސިލްތަކުން ބޯޑެއް ހެދުމުގެ ބޭނުމަކީ ގާނޫނުން އެލްޖީއޭއާ މަތިކޮށްފައިވާ ޒިންމާ އަދާކުރުން ނޫން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޯޑެއް ހެދުމުގެ މަގްސަދަކީ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމެވެ. 
އަޅުގަނޑުމެން މިއުޅެނީކީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތަކެއް ދޭކަށް ނޫން އަމުދަކުން. އަޅުގަނޑުމެން މިއުޅެނީ މި އަތޮޅުގެ ރަށްތައް ގުޅިގެން މި އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެކަންކަމުން ނަތީޖާއެއް ހޯދުމަށް. މިކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ގައުމަށާއި ރައްޔިތުންނަށް،" މޭޔަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ