ރާއްޖޭގައި އަހަރަކު 500،000 ޓަނުގެ ކުނި އުފައްދާ

ރާއްޖޭގައި އަހަރެއްގެ މައްޗަށް 517،000 ޓަނުގެ ކުނި އުފައްދާ ކަމަށާއި ކުނީގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވުން ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ވޭސްޓްމެނޭޖުމެންޓު ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަލޯ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖުކުރުން ކަމަށާއި ސަރުކާރުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ވެސް ރަށްރަށުގައި އެކަށީގެންވާ ގޮތަށް ކުނި މެނޭޖު ނުކުރެވޭކަމުގެ ޝަކުވާ ކަމަށެވެ.
ތަފްސީލް - އޭނާ ވިދާޅުވީ އެކަން ދިމާވަނީ ރަށްރަށުގައި ކުނި މެނޭޖުކުރާނެ އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ.
"އެންމެ ބޮޑު ކަމަކަށް ވަނީ ރަށްރަށުގައި މިކަން ކުރާނެ ޖާގަ ނެތި އިތުރުވަމުންދާ ކުނި އިތުރުވަމުންދިޔުން އެއްދުވަހުން އަނެއް ދުވަހަށް،" މުރުތަލޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ވަށާޖެހޭ ގޮތެއްގައި ކުނި މެނޭޖުކުރުމަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އޭގެ އެއް ސަބަބަކީ ކުރަންޖެހޭ ހޭދަ ނުވަތަ ހަރަދު ކަމަށެވެ.
"ހާއްސަކޮށް ރާއްޖޭގައި ޖިއޮގްރަފީ މި އޮންނަ ގޮތުން ބަރޯސާވާން އެބަޖެހޭ އެއްގަމުގެ ޓްރާންސްޕޯޓާއި މެރިން ޓްރާންސްޕޯޓަށް. އެއީ މީގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ،" އޭނާ ވިދާޅުވި އެވެ.
މުރުތަލޯ ވަނީ ރާއްޖޭގައި ކުނި އުފެދޭ މިންވަރުގެ ބައެއް ހިސާބުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެގޮތުން:
އަހަރަކު ރާއްޖޭގައި އުފެދޭ ކުނީގެ އަދަދު 517،000 ޓަނަށް އަރާ
އާބަން ސެންޓަރުތަކުން ދުވާލެއްގެ މައްޗަށް ބޮލަކަށް 1.2-1.7 ކިލޯގެ ކުނި އުފައްދާ
އެ ނޫން ރަށްރަށުން ބޮލަކަށް ދުވާލެއްގެ މައްޗަށް 800ގެ ކުނި އުފައްދާ
ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް ގެސްޓް ނައިޓަކަށް 3.5 ކިލޯގެ ކުނި އުފައްދާ
"[ކުނި އުފެދޭ] މިންވަރު އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އަހަރެއްގެ މައްޗަށް %9 އިތުރުވަމުން އެބަދޭ. މިއީ ރަށްތަކުގެ ސައިޒާ މި ނޫން ކަންތަކަށް ބަލާއިރު ކަންބޮޑުވާން ޖެހޭ މައްސަލައެއް. މިކަމަށް ދާއިމީ ހައްލެއް ނުލިބި ކުރިއަށް ދާން ޖެހިފައި އޮތުން،" މުރުތަލޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުނީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލާ، ގަވައިދުތައް ޑްރާފްޓުކޮށް އެ ޑްރާފްޓުތަކަށް ކޮންސަލްޓޭޝަން ހޯދާފައިވާ ކަމަށެވެ. އަދި މިހާރު އޮތީ އެ ގަވައިދުތައް ގެޒެޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުރުތަލޯ އިތުރަށް ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ޕްލޭންތައް އެކުލަވާލި ނަމަވެސް ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން ޕްލޭންތަކާ އެއްގޮތަށް ކަންތައް ތަންފީޒު ނުކުރެވޭ ކަމަށެވެ.
"މަސައްކަތް ފަށައިގެން ކުރިއަށްދާ ވަރަކުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަންތަކުން ގާނޫނުތަކަށް ބަދަލުތައް ގެންނަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
އެގޮތުން، ގާނޫނު އޮންނަ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެހެން ތަނަކުން ކުނި ގެންދިއުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި އެކަން ކުރެވޭނެ ގޮތްތަކެއް ދައްކަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވެސް މުރުތަލޯ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ