ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅަން ޕްރިންސިޕަލުންނަށް ވާނީ އަންގާފައި: މިނިސްޓަރު

ސްކޫލަށް ނުދާ ދަރިވަރުން ގިނަވެ، ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
 ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި އެކަމަށް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ސްކޫލަށް ދަރިވަރަކު ނުދާ ނަމަ އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ.
"މިސާލަކަށް ދަރިވަރަކު ސްކޫލަށް ނުގޮސްފާނެ ބަލިވެގެން ނުވަތަ ފްލޫއެއް ޖެހިގެންނެއް ނޫން މި ނަންގަންނަނީ، އެއްވެސް ސަބަބަކާހުރެ ސްކޫލަށް ކުއްޖަކު ނުދިއުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ޕްރިންސިޕަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެއްވެސް ސަބަބަކާހުރެ ސްކޫލަށް ނުދާ ދަރިވަރުން ދެނެގަނެ ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލަށް ނުދާ ދަރިވަރުންނަށް އެންމެ ހަރުކަށި ފިޔަވު އަޅަން ފެށީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި އޭރު ސްކޫލަށް ނުދާ ކުދިން ދެނެގަނެ ކުދިން އަލުން ސްކޫލަށް ގެނައުމަށް ގިނަ މަސައްކަތްކަކެއް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އަނެއްކާ ވެސް އެމްޑީޕީއަށް ވެރިކަން ލިބުމާ އެކު "މޮނިޓަރިން މެކޭނިޒަމް" ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.
"އެޓެންޑެންސް ޕޮލިސީއެއް އޮވޭ. އެކަމަކު އޭގައި މި ވާގޮތަކީ ސްކޫލުތަކުން ރިޕޯޓުކުރަން މި ޖެހެނީ މިހާ ކުދިންނެއް ނާދޭ. ވަކި މުއްދަތްތަކެއް ހުރޭ ތިން ދުވަސް، 10 ދުވަސް، ލޯންގް އެބްޒެންޓިން އަކީ 10 ދުވަހޭ. ޖެހިޖެހިގެން ތިން ދުވަހު ނައިސްފި ނަމަ ރިޕޯޓުކުރަން ޖެހޭނޭ. އޭރު އެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުން ދިޔައީ ސްކޫލުތަކުން ފޮނުވުމުން،" އިސްމާއިލް ވިދާޅުވި އެވެ.
ނަމަވެސް މި އަހަރު ޖުލައި މަހު މިނިސްޓްރީން ކުރިން ކުރި މަސައްކަތަކާ އެކު ދަރިވަރުންގެ އެޓެންޑެންސް މިހާރު ސްކޫލަށް ކޮންމެ ދުވަހަކު ފޮނުވަން ޖެހޭނެކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަވި ކަމަށެވެ.
މިނިސްޓަރުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަން މިނިސްޓްރީން ދޫކޮށްނުލާނެ ކަމަށެވެ.
ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ކަންބޮޑުވުން ފާޅު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
ވޯލްޑްކަޕް ކުރިއަށްދާ މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ހާމަކުރައްވަމުން ވިދާޅުވީ އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ