ދިޔާނާ ބްލެޖިމް އަދި އީޔޫގެ ސަފީރަކަށް އައްޔަންކުރަން ފޮނުވައިފި

ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު، ބެލްޖިމް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ދިޔާނާ ސަފީރަކަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްަޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ.
ތަފްސީލު - ޖަލްސާގައި ރައީސްގެ ސިޓީ އިއްވުމަށް ފަހު، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އަދި ރުހުން ދިނުމާ މެދު ގޮތެއް ނިންމާނީ ކޮމިޓީގެ މަސައްކަތަށް ފަހު، އަލުން ތަޅުމަށް ގެނައުމުންނެވެ.
ސަފީރަކަށް ދިޔާނާ ހަމަޖެއްސުމަށްޓަކައި މިިދިޔަ އޭޕްރީލް މަހު ފަހުކޮޅު އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުން، ސަފީރުންގެ މަގާމަށް އައްޔަން ކުރާ މީހަކު އެމްބަސަޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރަން ޖެހެވެ.
ސާކްގެ ފުރަތަމަ އަންހެން ސެކެޓްރީ ޖެނެރަލް ދިޔާނާ، މީގެ ކުރިން ހުންނެވީ މި ސަރުކާރާ ދެކޮޅަށެވެ. އެގޮތުން: 
ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވީ މިދިޔަ އޭޕްރީލް މަހު ކުރީކޮޅު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގެ ކެމްޕެއިން ތެރެއިން
އެ ވޯޓުގައި ދިޔާނާ ވަރަށް ބޮޑަށް ސަރުކާރުން ނެގި ސްޓޭންޑް ދިފާއުކޮށް، އެ ކެމްޕެއިންގައި މައި ދެ އިންތިހާބު އެކީގައި ބޭއްވުމަށް ވަކާލާތު ކުރެއްވި
އޮސްޓްރޭލިއާ އަދި ޖަޕާނުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ދިޔާނާ ބަންޑާރަނައިބުގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުގެ މަގާމު ވެސް ދިޔާނާ ފުރުއްވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އޭރު ރުހުން ދިނީ މަހާޒު އަލީ ޒާހިރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ