ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދ އިން ކަނޑައަޅާނެ: ޝަހީދު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވެން ޖެހޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ކަނޑައަޅާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޝަހީދު އިއްޔެ ކުރެއްވި ޓުވިޓްގައި ވިދާޅުވެފައި ވަނީ އދ. ގެ އެޗްއާރް ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެ ކަމަށް 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައި ސޮއިކޮށް އިގުރާރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރެވެން ޖެހޭ ކަމަށް އެ ކޮމިޓީން މި އަހަރުގެ ތެރޭގައި ކަނޑައަޅާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެޗްއާރު ކޮމިޓީގެ ނިންމުމަށް ފަހު ރައީސް އަބްދުﷲ ޔާމީންއަށް ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވަން ކަނޑައަޅަން ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި 2008 ވަނަ އަހަރުގައި ރައީސް ނަޝީދު ބޭރު ކުރި ގޮތަށް މި އަހަރުގައި ބޭރު ކުރާކަށް ޖާގައެއް ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ދުވަސް ގާތްވަމުންދާއިރު ރައީސް ނަޝީދަށް އެ އިންތިހާބުގައި ވާދަ ކުރުމަށް ގާނޫނީ ގޮތުން ހުރި ފުރުސަތުތައް ވަނީ ބަންދުވެފަ އެވެ. ނަމަވެސް އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ ރާއްޖެއިން ބޭރުގެ އެހީގައި ނަޝީދު މިނިވަންކޮށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީން މި އަހަރު މާޗު މަހުގައި ބާއްވާ ޕްރައިމެރީއެއް ބާއްވާ އިރު އޭގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
ނަމަވެސް ރައީސް ޔާމީން އާއި ސަރުކާރުގެ އިސް ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރައީސް ނަޝީދަށް ބައިވެވޭނެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ