ލ. މާބައިދޫގައި އަލަށް ހެދި ނެރާ މެދު އެ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާބައިދޫގެ ބަނދަރާއެކު އާ ނެރެއް ކެނޑިއިރު، އެތަން ހެދީ ސީދާކޮށެވެ. އެހެންވެ ކަނޑުގަދަ ދުވަސްތަކުގައި އެ ނެރު ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަން އެންމެ ފުރަތަމަ ޑިޒައިން ކުރިއިރު ވެސް އިންނަނީ ކައްޗަށް. އެކަމަކު ރައްޔިތުން ކަންބޮޑުވީ، ނެރު، ކައްޗަށް ހެދީމަ ދޯނި އެއްޗެހި ނެރު ފައި ކައްޓަށް އަރާނެ ކަމަށް ހީކޮށް. އެހެންވެ ފަހުން އެ ނެރު ހެދިއިރު ހެދީ ސީދާކޮށް،" ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރު ވިދާޅުވި އެވެ.
ނެރުމުގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން އެކަން ހުއްޓުވަން އެ ރަށުގެ ބައެއް ރައްޔިތުން އިއްޔެ އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި ކަމަށް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށާއި އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން އެ ބަނދަރު ހަދަމުން އަންނަތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް ބޮޑު ހިލަ ލިބުމުގެ ދަތިތަކާ ހުރެ އެ މަސައްކަތް ދިގުލައިގެން ދިޔައީ އެވެ. އެ ބަނދަރު މަސައްކަތުގެ 70 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
މާބައިދޫގައި އަލަށް ހެދި ނެރާ މެދު ރަށު ރައްޔިތުން ހިތްހަމަނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ