މައުމޫން އަނބުރާ ދޫނިދޫ ޖަލަށް ބަދަލުކޮށްފި

ފުލުހުންގެ ގިނަ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނިކޮށް އަނެއްކާ ވެސް ދޫނިދޫ ޖަލަށް މިރޭ ބަދަލުކޮށްފި އެވެ.
މައުމޫން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާކަން އާއިލާއަށް ފުލުހުން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ދެންމެ ވަނީ ޓޫވީޓެއްގައި ކަށަވަރުކޮށްދެއްވާފަ އެވެ.
މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، މާފުށީ ޖަލުން ދޫނިދޫއަށް މައުމޫން ބަދަލުކުރައްވާފައިވާ ކަމަށް ފުލުހުން މިއަދު ދަރިކަނބަލުން ޔުމްނާ މައުމޫނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހަވީރު 4:00 ހާއިރުވެސް އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި ކަމަށާއި ދޫނިދޫއަށް ބަދަލުކުރާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރުވެސް ދެއްވާފައި ނުވާ ކަމަށެވެ.
"އެހާ ކުއްލި ކުއްލިއަށް ބަދަލުކުރާތީ އެމަނިކުފާނުގެ ހާލުކޮޅާއި ރައްކާތެރިކަމާއި ކަންބޮޑުވަން،" ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
ވަރަށް ކުއްލި ގޮތަކަށް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރި އިރު ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ޖަލަށް ވަޑައިގެން މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ބައްލަވައި، ބަހައްޓާފައި ހުރި ތަނުގެ މައުލޫމާތު ވެސް ވަނީ އޮޅުން ފިލުއްވައިފަ އެވެ.
ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ