އަވަހަށް އޮފީހަށް ދިޔުމުގައި އުމަރު ނަސީރުގެ މިސާލު ރައީސް ނަންގަވައިފި

ގްރޭޑް ދިހައެއްގައި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އަހުލާގުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރު އުމަރު ނަސީރު ނަމޫނާއަކަށް ނެންގެވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
އުމަރު ވެސް ބައިވެރިވެވަޑައިގެން އެ ޖަލްސާގައި ރައީސް ވިދާޅުވީ ފަންނީ ތައުލީމު ދިނުމަށް ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމުން ހުރިހާ އެއްޗެއް ދަހެއް ނުވާނެ ކަމަށެވެ. އެގޮތުން އުމަރު ނަސީރު ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާއިރު މަސައްކަތަށް ނުކުންނަވާ އަހުލާގު، އެ ޕްރޮގްރާމް ތެރެއިން ދަސްނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަވީރަ"ށް ކުރިން ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ރަސްމީ ގަޑި ފެށެނީ ހެނދުނު 8:00 ޖަހާއިރު ނަމަވެސް އޭގެ ދޮޅު ގަޑިއިރު ކުރިން، 6:30 ގައި އޭނާ އޮފީހަށް ވަޑައިގަންނަވަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުމަރު ބައިވެރިވެވަޑައިގަންނަވަނީ: އަވަހަށް އޮފީހަށް ވަޑައިގަތުމުގައި އޭނާގެ މިސާލު ރައީސް ވަނީ ނަންގަވާފައި-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އުމަރުގެ މި އާދައިގެން މިސާލު ނަންގަވައިގެން ރައީސް ވިދާޅުވީ ވަޒީފާއެއްގައި ދެމިތިބުމަށް، މަސައްކަތުގެ މާހައުލުގައި ގެންގުޅެން ޖެހޭ އަހުލާގު ވެސް މުހިއްމު ކަމަށެވެ. އެގޮތުން އޮފީހަށް ސަލާމް ނުބުނުމާއި ބަލި ވެއްޖެ ނަމަ ދަބަހުގައި ޕެނެޑޯލް ނުވަތަ ޕެރެސެޓަމޯލް ބަހައްޓައިގެން ނަމަވެސް މަސައްކަތަށް ނުކުންނަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވާ ގޮތަކީ ވަޒީފާ ދޭ ފަރާތްތަކުގެ އެ ވަރުގެ ކެތްތެރިކަމެއް ނުހުންނާނެ. އެހެންވީމަ، އެއް ފުރުސަތަށް ކުރިމަތިލާ ކުދިން ގިނަވީމަ، މަސައްކަތަށް ފަރުވާ ކުޑަކޮށްލައި ހާޒިރު ނުވާ ނަމަ އެހެން ކުއްޖަކު އެ ވަޒީފާއަށް ނެގުމުގެ ފުރުސަތު ވެސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
ދަސްވާރު ޕްރޮގްރާމުން ފަންނީ އެކިއެކި މަސައްކަތް ދަސްކުރި ކުދިންނަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މުރާލިކަމާއި ފަންނުވެރިކަން ދައްކާ މިންވަރަކުން ނޫނީ ވަޒީފާގެ ކުރިއެރުން ނުލިބޭނެ ކަމަށެވެ. އަދި މުސާރަ ދީގެން މަސައްކަތް ކުރުވާ ނަމަ، އެ މީހުންގެ ފަރާތުން ނެރެން ބޭނުންވާނެ ނަތީޖާތަކެއް ވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ