ނަޝީދާ އެކު ގާސިމް ގުޅުން ބަދަހި ކުރުމުން ކޯލިޝަންގެ ބޭނުމެއް ނެތް: މައުމޫން

އިދިކޮޅު އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދާ އެކު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މީޑިއާ އަށް ނުކުމެވަޑައިގެން ތާއީދު ހޯއްދަވަން އުޅުއްވުން ކޯލިޝަންގެ ބޭނުން ކެނޑިފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރު"ން ތައްޔާރުކުރި ވޯލްޑް ކަޕް ފޮތް މައުމޫނަށް އެރުވުމަށް ބޭއްވި ހަފުލާގެ އަރިމަތިން "ހަވީރާ" ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މާދަމާ ހުވާކުރާ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިންތިޚާބުގެ ކަންތަކުގައި ޖޭޕީން އަމަލުކުރި ގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށާއި ނައިބު ރައީސަކަށް ޕީޕީއެމުން ބޭފުޅަކު ނެރުމަށް ނިންމާފައިވާއިރު ގާސިމް ވެސް ވަނީ އެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މަޖިލީހުގެ ރައީސަކަށް ޕީޕީއެމުން ނެރެން ނިންމާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހު މުހައްމަދެވެ. ނައިބު ރައީސަކަށް ހޮވަން ޕީޕީއެމުން ބޭނުންވަނީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމްގެ ކައުންސިލުން ރޭ ނިންމާފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ޖޭޕީން ބޭފުޅަކު ނެރެފި ނަމަ ޕީޕީއެމް/ޖޭޕީ ކޯލިޝަން އުވޭނެ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އާ މަޖިލީހުގެ ރައީސަކަށާއި ނައިބު ރައީސް ކަމަށް ޕީޕީއެމުން ބޭފުޅަކު ނެރޭނެ ކަމަށް ކުރިއްސުރެ ޖޭޕީ އަށް ވަނީ އަންގައިފަ އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދެމޭ ކޯލިޝަންގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން ޖުމްހޫރީ ޕާޓީން ވެސް މަނިކުފާނު [ގާސިމް] ވެސް އަދި އަޅުގަނޑުމެންގެ ޕާޓީގެ އެހެން މެމްބަރުން ވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ތާއީދު ކުރައްވައި ވޯޓު ދެއްވުމަށް އަދި ސިޓީއެއް ފޮނުވިން. ފޮނުވީމާ އޭގެ ޖަވާބުގައި މި ފޮނުއްވަނީ ތިމަންނަމެން ވެސް އެބަ ނެރެމޭ [ކެންޑިޑޭޓެއް]، އެހެންވީމާ ތިމަންނަމެންނަށް ޕީޕީއެމުން ސަޕޯޓް ދޭން. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން މިހެން ނުވެ ވޭތޯ،" މައުމޫން ވިދާޅުވި އެވެ.މައުމޫންގެ އިންޓަވިއު.-- ހަވީރު ވީޑިއޯ: މުހައްމަދު ސާޖިދު
އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ވާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އެބައޮތްތޯ ދެންނެވުމުން މައުމޫން ވިދާޅުވީ "ސިޔާސީ ކަންތައްތަކުގައި ޔަގީން ކަން އެބައޮތޭ ބުނާކަށް ނުވާނެ" ކަމަށެވެ. އެކަމަކު ވިދާޅުވީ ޕީޕީއެމަށް ކާމިޔާބުވާނެ ކަމުގެ އިތުބާރު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމް/ޖޭޕީ ކޯލިޝަން ރޫޅާލަން މަސައްކަތް ކުރަނީ ޕީޕީއެމުންނެއް ނޫނެވެ. އަދި އެ ކޯލިޝަން ދަމަހައްޓަން ޕީޕީއެމް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން ފަރާތަކުން އެ ކުރައްވާ އަމަލަކުން ކޯލިޝަންގެ މާނައެއް ނެތް ހިސާބަށް ދިއުމުން އޭގެ ޒާތުގައި [ކޯލިޝަން] ރޫޅުނީ. އެއީކީ ޕީޕީއެމަކުން ނޫން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޖޭޕީން ބޭފުޅަކު މާދަމާ ނުނެރެފި ނަމަ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމުގެ ކަންތަކުގެ ވާހަކަ ޕީޕީއެމް/ޖޭޕީ އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ. އަދި އެއީ މަޝްވަރާ އަށް ދޫކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ މަޝްވަރާއެއް ނެތި، ގާސިމް ގޮތެއް ނިންމެވުމަކީ ކޯލިޝަން އެއްބަސްވުމުގެ ރޫހާ ހިލާފު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ