ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދުނިޔޭގެ ގައުމުތަކުގެ މަޖިލިސް މެމްބަރުން ތަމްސީލުކުރާ ޖަމިއްޔާއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ގާސިމާ މެދު ގާނޫނާ އެއްގޮތަށް އިންސާފުން އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
IPU very concerned over arrest of opposition MP Qasim. Urges Maldives authorities to see to due process & rule of law. Monitoring situation.— IPUparliament (@IPUparliament) April 21, 2017
"ހާލަތު މިދަނީ ކައިރިން ބަލަމުން،" އައިޕީޔޫގެ ޓްވީޓްގައި ބުނެފައި ވެ އެވެ.
ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ހައްޔަރު ކުރި އިރު އޭނާގެ ބަންދުގެ މުއްދަތު މިއަދު ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވުމާއި ސަރުކާރު ބަދަލުކުރަން މަސައްކަތްކުރުން ފަދަ ތުހުމަތުތަކެއްގައި މީގެ ކުރިން ވެސް ގާސިމް ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ފަހަރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފަ އެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކުރީ ފަސް ދުވަހު ބަންދުގައި ހުންނެވި ފަހުންނެވެ.
ގާސިމާ ދެކޮޅަށް މިހާރު ފަށާފައިވާ ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ބަންދުގައި ބަހައްޓަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު އެ ކޯޓުން އެގޮތަށް އެ އަމުރު ދީފައެއް ނުވެ އެވެ.
ރޭ ގާސިމް ހައްޔަރުކުރީ އެކަމަށް ޕީޖީ އައިޝަތު ބިޝާމް އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރުކުރަންޏާ އެކަމަށް އެދެން ޖެހެނީ ޕީޖީ އެވެ. ކުރީ ފަހަރު ހައްޔަރުކުރީ އޭގައި ޕީޖީގެ ރޯލެއް ނެތިކަމުން، އެއީ ގާނުނާ ޚިލާފަށް ކުރި ކަމެއް ކަމަށް ނިންމައި، އެފަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށްފަ ވެސް އެވެ.
ގާސިމް ހައްޔަރުކުރުމުން ކަންބޮޑުވަން، ކައިރިން މިދަނީ ބަލަމުން: އައިޕީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ