ފޭދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ނިހާދުގެ ކެންޑިޑެސީ ބާތިލުކުރަން އަލްހާން ހުށަހަޅަނީ

ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށް ކޯޓަށް ހުށަހަޅަން، އެ ޕްރައިމަރީގައި ނާކާމިޔާބުވި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހްމީ ނިންމަވައިފި އެވެ.
ޕްރައިމަރީގައި ނާކާމިޔާބު ވުމުން އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރައްވާ އަލްހާން ވިދާޅުވި ގޮތުގައި ޕްރައިމަރީގެ ނަތީޖާ އާއި އާއި ނިހާދުގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅުއްވަނީ، އެމްޑީޕީގެ ޕްރައިމަރީ ސައްހަ ނޫން ކަމަށް ގަބޫލުކުރެއްވޭތީ އާއި އެ މައްސަލަ އެމްޑީޕީގެ އެތެރޭގެ ގުނަންތަކުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާތީއެވެ.
"ޕްރައިމަރީ ބާތިލުކުރަން އެދޭ އަސާސްތަކަކީ އާންމުކުރި ވޯޓް ލިސްޓާއި ވޯޓުލި ދުވަހު ބޭނުންކުރި ލިސްޓާ ހިލާފުވާތީ، ވޯޓުލީ ދުވަހު ފޭދޫގައި ބަހައްޓާފައި ހުރި ފޮށީގެ ފޯކަލް ޕޮއިންޓް ފޮނުވި ރިޕޯޓްގައި އެއީ ސައްހަ އިންތިހާބެއް ނޫން ކަމަށް ބުނެފައިވާތީ. އަދި ފޭދޫގެ ނަތީޖާ ޝީޓްތަކުގައި އެއްވެސް ކެންޑިޑޭޓަކު ސޮއިކޮށްފައި ނުވާތީ،" ބަޔަކު މީހުން ވަޅިން ދިން ހަމަލައަކާ ގުޅިގެން ލިބުނު އަނިޔާއަށް ސްރީ ލަންކާގެ ދަ ސެންޓްރަލް ހޮސްޕިޓަލްގައި ފަރުވާކުރައްވަމުން ގެންދަވާ އަލްހާން ފޯނުން "ހަވީރަ"ށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކޮންމެ ބޭފުޅަކަށް ޓިކެޓް ދިނަސް، ސައްހަ ކެންޑިޑޭޓަކަށް ވާނީ ސައްހަ އިންތިހާބަކުން ހޮވިގެން ކަމަށެވެ. އަލްހާން ވިދާޅުވި ގޮތުގައި މައްސަލަ މި ހަފުތާ ތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީގެ މައްސަލާގައި އެމްޑީޕީން ނިންމާފައިވަނީ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބުގައި އެހެން ޕާޓީތަކުގެ 130 މީހަކު ވޯޓުލާފައިވާ ކަމަށާއި ވޯޓު ލިސްޓްގައި ވެސް މައްސަލަތައް އުޅޭ ކަމަށް އަލްހާން ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ، ނިހާދު ކާމިޔާބުކުރީ 316 ވޯޓާ އެކުގަ އެވެ. އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
އަލްހާންގެ ބުރަކަށްޓަކައި ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދައަށް ލިބުނު ގެއްލުންތަކުގައި އޭނާގެ ކަނާތު ފައިގެ ވާގި ވަނީ ގޮސްފަ އެވެ. އެހެން ނަމަވެސް އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ