ގާޒީ ބާރީ ކޯޓްގައި ހުންނެވުމުގެ ހައިސިއްޔަތެއް މިހާރަކު ނެތް: ޑރ. މަޖީދް
ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލްބާރީ ޔޫސުފަކީ ސުލޫކީ އެތައް މައްސަލަތަކެއް ހުރި ބޭފުޅެއް ކަމަށާއި އޭނާ އަކީ ޝަރުއީ ކޯޓެއްގައި ހުކުމް ކުރައްވަން ހުންނަވަން މި ވަގުތު އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދް އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.އެމްޑީޕީން މިރޭ "ކޮރަޕްޝަން ޔަގީން"ގެ ނަމުގައި ބޭއްވި ޖަލްސާގައި ޑރ. މަޖީދް ވަނީ ގާޒީ ބާރީއަށާއި ޝަރުއީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.އޭނާ ވިދާޅުވީ ގާޒީ ބާރީއަކީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވި ޝަރީއަތް ކުރެވުނު ލ. އަތޮޅު މީހެއްގެ ޝަރީއަތުގައި ބޮޑެތި އޮޅުވާލަންތަކެއް ހަދާފައި ހުރި ބޭފުޅެއް ކަމަށާއި އެ ޝަރީއަތް ފަހުން ބާތިލް ވެސް ކުރި ކަމަށެވެ.ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ: ގާރީ ބާރި އަށް ވަރަށް ބޮޑަށް މިރޭ ފާޑު ވިދާޅުވި. ޑރ. މަޖީދް ވިދާޅުވީ ގާޒީއަކާ މެދު ތުހުމަތެއް ކުރެވި އަބުރު ގެއްލި، އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެ ނަމަ އެފަދަ ބޭފުޅަކު ހުކުމް ކުރައްވަން ބަހައްޓައިގެން ނުވާނެ ކަމަށެވެ."އެހެންވީމާ ގާޒީ ބާރީއަކީ އެއްވެސް ހާލެއްގައި މި ވަގުތު ކޯޓްގައި ހުކުމް ކުރަން އިންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ހުންނެވި ބޭފުޅެއް ނޫން،" ޑރ. މަޖީދު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރާ ޝަރީއަތުގައި، ގާޒީ ބާރީ "ގޮތެއް ނިންމަވައިގެން ހުންނެވި" ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެ މައްސަލާގައި "ތިމަންނަ ހެކި ވެސް ހުށަހަޅަން ބޭނުންވާ" ކަމަށް ޝަރީއަތުގައި ވިދާޅުވެފައިވުމަކީ ޝަރުއީ ނިޒާމުގައި ކަން ހިނގާ ގޮތް ނޫން ކަމަށެވެ."ތިމަންނާގެ ފަރާތުން ހެކިން ހުށަހަޅާ ވާހަކަ މިއީ ދުނިޔޭގެ އެއްވެސް ޝަރުއީ ނިޒާމެއްގައި، އެއްވެސް ކޯޓެއްގައި އޮންނަ ކަމެއް ނޫން، ގާޒި ދެ ހަސްމުން ކުރެ އެއް ހަސްމެއްގެ ވަކީލަކަށްވެ ހުރެގެން ދެ ފަރާތުން އެ މީހާގެ ފަރާތުން ހުށަހަޅަން ޖެހޭ ހެކި ހުށަހެޅުމަކީ. ގާޒީ އަށް ކިހިނެއްތޯ ހެކިން ހުށަހެޅެނީ؟" ޑރ. މަޖީދު ވިދާޅުވި އެވެ.މި ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް ވަނީ ގާޒީ ބާރީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ."މީނާ އަށް ހީވާ ކަހަލަ އަޅުގަނޑުމެން ގޮސް ކޯޓް ރޫމަށް ވަނީމަ މި އާދެވުނީ ތިމަންނަގެ ގެއަށޭ. އެތަނުގައި އުޅެން ޖެހެނީ މީނަ ބުނާ ގޮތަކަށޭ. އެހެނެއް ނުވާނެ ވަރަށް ކެރިގެން މި ދަންނަވަނީ،" މަހުލޫފް ވިދާޅުވި އެވެ. "ބާރީމެން މި ގައުމުގަ ސައިޒް ވާނެ ދުވަހެއް އަންނާނެ. އެގޮތަށް ފުއްޕާފަ ގަދަ ބަސް ބުނަމަކުން ނޫޅެވޭނެ."މަހުލޫފް އަދި ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކޮށް، ސާފު ކުރާ ވާހަކަ ރައީސް އަބްދުﷲ ޔާމީން ދައްކަވަން ވާނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަދި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އަލީ ހަމީދު މަގާމުން ބޭރުކޮށްލައްވައިގެން ކަމަށެވެ.އެހެން ނަމަވެސް އޭނާ މަގާމުން ބޭރު ކުރުމަކީ ޝަރުއީ ދާއިރާއަކީ މިނިވަންވެފައިވާ ދާއިރާއެއް ކަމަށް ބޭރު ދުނިޔެއަކުން ގަބޫލެއް ނުކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ."...އެހެންވީމާ އަލީ ހަމީދު އެތަނުން ބޭރުކޮށްލެވުނީމަ ތިމަންނަ އަށް ޖުޑިޝަރީ ސާފު ކުރެވުނީ ކަމަށް ވިސްނައި ދޭން އެ ކުރާ މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން،" މަހުލޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ