އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އެޗްއާރްސީއެމުން ޕީޖީ އަށް ފޮނުވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، އެކަހެރިކޮށްގެން ސިފައިން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރި ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ވަކި މީހެއްގެ މައްޗަށް ދައުވާކުރާކަށް އެޗުއާރުސީއެމުން އެދިފައެއް ނުވެ އެވެ.
އެޗުއާރުސީއެމްގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ ޕީޖީ އޮފީހަށް ފޮނުވި ރިޕޯޓް ބިނާކުރެއްވީ އިންސާނީ ހައްގުތަކުގެ ނަޒަރުން ކަމަށެވެ.
"މުޅި މައްސަލަ ދިރާސާކުރީ އިންސާނީ ހައްގުތަކުގެ ނަޒަރުން. ރިޕޯޓްގައި ފާހަގަކޮށްފައި ހުންނާނީ ވެސް އެގޮތަށް،" އަޒުރާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ އެޗުއާރުސީއެމުން ތަހުގީގުކުރީ ޕީޖީ އޮފީހުގެ އެދުމުގެ މަތިންނެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ މައްސަލައިގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ މެންދުރު ފަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ދިން ބަޔާންތަކާއި ހެއްކާއި ގަރީނާ ފޮނުވައިދޭން މިއަދު އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެޗްއާރުސީއެމް އިން ކުރި ތަހުގީގާ ގުޅިގެން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އެ އޮފީހަށް ލިބިފައިވާ ހެއްކާއި ގަރީނާ އާއި ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ބަޔާންތައް ލިބުމުން ކަމަށެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އެކި ފަރާތްތަކުން އޭރުގެ ސަރުކާރަށް އައި ޕްރެޝަރުތަކާ އެކު ވެސް 22 ދުވަސް ވަންދެން އޭނާ ގިރިފުށީގައި ބެހެއްޓި އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަޔާން އެޗްއާރުސީއެމުން ނެގި އެވެ. ނަމަވެސް ފުލުސް އޮފީހުން ކުރި ތަހުގީގަށް ބަޔާން ދެއްވުމަށް ނަޝީދު ވަނީ އިންކާރުކުރައްވައިފަ އެވެ. އަދި ބަޔާން ދެއްވުމަށް ނަޝީދު އިންކާރުކުރެއްވުމާ ގުޅިގެން، އޭނާގެ ބަޔާނާ ނުލައި ތަހުގީގު ނިންމުމަށް ފަހު އެ މައްސަލަ ވެސް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވެސް އެޗްއާރުސީއެމަށް ހާޒިރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ