2018 ގައި ރައީސް ޔާމީން ހޮވޭނެކަމާމެދު ޝައްކު ނުކުރުމަށް މިނިސްޓަރ ސައީދު ގޮވާލައްވައިފި

ރައީސް އަބްދުﷲ ޔާމީން 2018 ގައި ހޮވޭނެކަން ޔަގީންކަމަށާއި، އެކަމާ ޝައްކުނުކުރުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ މިގޮތަށް ގޮވާލެއްވީ މިއަދު ހަވީރު އިންޑަސްޓްރިއަލް ވިލޭޖްގައި "ޕީޕީއެމް ހޮވަމާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ 13 ކެންޑިޑޭޓުން މާލެއަށް ހޮވިއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރާއި، އަދި ބާކީ ހުރި ދުވަސްތަކުގައި ހީނުކުރާހާ ބޮޑު ބަދަލުތަކެއް މާލެއަށް އަންނާނެކަމަށާއި، ހީނުކުރާ ކަހަލަ ތަރައްގީ މާލެއަށް އަންނާނެ ކަމަށެވެ.
"ވަރަށް ބޮޑު އޮޅުމެއް އެބަ އޮތް އަރާފަ. އަޅުގަނޑު މި އޮޅުން ސާފުކޮށްލަދޭނަން. 2018 ގައި މިގައުމުގައި ވެރިކަން ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން، ﷲގެ ވާގިފުޅާއެކު. އެއާ ޝައްކު ނުކުރައްވާ. ހަގީގަތުގައިވެސް އެއާ ޝައްކު ނުކުރައްވާ. އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ، ތަކުރާރުކޮށް މި ދަންނަވަނީ. އަޑުއައްސަވާ 2018 ގައި މިގައުމުގެ ވެރިކަން ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ ދެއްވި އެ ޔަގީންކަމާއެކު، މިއަދު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މެގަ އިވެންޓްވެސް ވަނީ ފަށާފައެވެ. މާލޭގެ އެކި ސަރައްދުތަކުން، އެ ސަރަހައްދެއް ތަމްސީލުކުރާ ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދާ މި އިވެންޓް މިރޭ 9:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.
މި އިވެންޓްގައި ޕީޕީއެމްއަށް ސަޕޯޓް ކުރާ އެއްހާހަށްވުރެ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ