އަބްދުﷲ ގާޒީގެ މައްސަލާގައި ޒިޔާދު ޒިންމާ ނަގާކަށް ނުޖެހޭނެ: ހެކި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަން ގެންދިޔަ މައްސަލައިގައި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ޒިޔާދު ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވެ ސިފައިންގެ އޮފިސަރަކު ހެކިބަސް ދެއްވައިފި އެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ދައުލަތުން ޒިޔާދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވާފައިވަނީ އެމްއެންޑީއެފްގެ ކާނަލް ނަސްރުﷲ އިބްރާހިމް މަޖުދީ އެވެ.
ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގެ ޒިންމާ އުފުލަން ޖެހޭނީ އެމައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ކަމަށެވެ.
ކާނަލް ޒިޔާދު ވަނީ މީގެ ކުރީގެ އަޑުއެހުމެއްގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަދި ސިފައިންގޭގައި އޭނާ އަދާކުރެއްވި ކާނަލް ރޭންކްގައި އޭނާގެ އިތުރުން އެތައް ބޭފުޅަކު މަސައްކަތް ކުރައްވާއިރު އަބްދުﷲ ގާޒީގެ މައްސަލައިގައި އޭނާގެ މައްޗަށް އެކަނި ދައުވާކުރައްވަނީ ކީއްވެތޯ ވެސް ޒިޔާދު ވަނީ މީގެ ކުރިން ކޯޓުގައި ސުވާލުކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކާނަލް ޒިޔާދުގެ އިތުރުން ޓެރެރިޒަމްގެ ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ