ސްކޫލް އޮފް މެޑިސިންގެ ލެބަށް ބޭނުންވާ ތަކެތި ގެނައުމަށް ބަޔަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ "ސްކޫލް އޮފް މެޑިސިން"ގެ ސްކިލްސް ލެބަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކާ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ހެނދުނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ސްކޫލް އޮފް މެޑިސިންގެ ސްކިލްސް ލެބަށް ބޭނުންވާ ބައެއް ތަކެތި 90 ދުވަހުގެ ތެރޭގައި ވޯލްޑިވްސް ކުންފުނީގެ ފަރާތުން ޔުނިވަރސިޓީއަށް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ. އަދި ވޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ފަސީހެވެ. މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މެޑިކަލް ސްކޫލުގައި އެމްބީބީއެސް ކޯސް ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމެސްޓަރުގެ ކިޔެވުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. "ސްކޫލް އޮފް މެޑިސިން" ގެ ސްކިލްސް ލެބަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކާ ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ ސުކޫލް އޮފް މެޑިސިން ކިޔަވައިދިނުން ފެށުމަށްޓަކާ މިހާރު ކުރިޔަށްދާ މުހިއްމު ކަންކަމުގެ ތެރޭގައި އެމްބީބީއެސް ކޯހުގެ މުގައްރަރު އެކަށައެޅުމާއި އެ ސްކޫލަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހޯދުމާއި އަދި އެ ފެކަލްޓީގައި ގާއިމްކުރެވޭ އެނެޓޮމީ، ފިޒިއޮލޮޖީ، ބަޔޯކެމިސްޓްރީ އަދި ސްކިލްސް ލެބަށް ބޭނުންވާ ސާމާނުތައް ހޯދުމަށް އެކިއެކި ބީލަންތަކަށް މިހާރުވެސް ހުޅުވާލާފައިވާކަން ފަވާޒް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މެޑިސިން ސްކޫލްގެ އެނެޓޮމީ ލެބަށް ބޭނުންވާ 2.2 މިލިޔަން ދިވެހި ރުފިޔާގެ އަގުހުރި ސާމާނުތަކެއް (ވާޗުއަލް ޑައިސެކްޝަން ޓޭބަލް އެއް ހިމެނޭގޮތަށް) ގަތުމަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. ފަވާޒު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ފަހަރަށް އެމްބީބީއެސް ކޯސް ރާއްޖޭގައި ހިންގުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވާތީ މި ސްކޫލަކީ ޒަމާނީ އަދި މި ސަރަހައްދުގެ ނިސްބަތުންވެސް ފާހަގަކުރެވޭ ފެންވަރު ރަނގަޅު އުމްރާނީ އަދި އިންސާނީ ވަސީލަތްތައްވެސް ފަހިވެފައިވާ ތަނަކަށް ހެދުމަކީ އެމްއެންޔޫގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ