މައްސަލަ ސާބިތުނުވުމުން ގާޒީ އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދުގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލަ ސާބިތުނުވުމުން އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުއެވެ.
ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަހުމަދު ރަޝީދުގެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓު ހިންގާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ކޯޓުގެ ބައެއް ގާޒީންނާއި ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.
ކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވިފައި މިވަނީ ސަސްޕެންޑު ކުރިތާ އަހަރެއް ހަމަވާ މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށެވެ.
ކުރިން ސަސްޕެންޑުކޮށްފައިވާ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން މިމަސް ތެރޭގައި ޖޭއެސްސީންވަނީ ސަސްޕެންޝަން އުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ