އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން އަދީބާ ސުވާލުކުރީ ތަހުގީގު ޓީމުން މާފުށީ ޖަލަށް ގޮހެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްތައް ދޫކުރި ގޮތުގެ އިތުރުން ވެސް އެ މައްސަލާގައި ފާހަގަވާ އެކި ކަންކަން އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތްތަކާ ސުވާލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުން މިދިޔަ އެޕްރީލް މަހު ވަނީ ރައީސް ޔާމީނާ ވެސް ސުވާލުކޮށްފަ އެވެ. ރައީސް ޔާމީނާ އޭސީސީން ސުވާލުކުރީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި ކަން އެނގިފައިވެ އެވެ.
އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް އެސްއޯއެފް އިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޗެކްތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުމްލަ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ޗެކްތަކެއްގެ ކޮޕީ ވެސް ހިމެނެ އެވެ.
އެސްއެއޯފް އަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ނަގާފައިވާ ކުންފުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެ އެވެ.
އެ ކުންފުންޏަށް ލިބުނު ފައިސާ ރައީސް ޔާމީންގެ ދެ ކަނބަލުންނާއި ސަރުކާރު ހިންގާ ޕީޕީއެމަށް ފޯރުކޮށްދީފައިވާނެ ކަމަށް އެސްއޯއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކި ހަފުލާތަކުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޮރަޕްޝަން އަދީބާ ހަމައިން ނިމިފައިވާ ކަމަށެވެ. އެ ހިޔާނާތުގައި ސަރުކާރުގެ އިތުރު ބޭފުޅަކު ބައިވެރިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެންނާއި ފިސްތޯލެއް ގެންގުޅުއްވި މައްސަލާގައި އަދީބަށް ވަނީ ހުކުމް އިއްވައިފަ އެވެ. ވަކިވަކި ތިން މައްސަލައެއްގައި އަދީބަށް ޖުމްލަ 33 އަހަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ