މޫސުން ގޯސްވެ، 7 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވެ ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ރ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް މިރޭ 08:30 އިން މިރޭގެ 11:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް ބުނެފައެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑުތައް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާޅުގެ އުސްމިނުގައި 3 ފޫޓާއި 5 ފުޓް ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ