ގައުމީ ޓީމަށް ފަސްލައްކަ ރުފިޔާ ދިނުމަށް ގާސިމް ނިންމައިފި

ޗެލެންޖު ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވުނު ކަމުގައި ވިޔަސް ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ފަސްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗެލެންޖު ކަޕުގެ ސެމީފައިނަލް މެޗެއް ޝަރަފްވެރިކޮށްދެއްވުމަށް އެދި އެފްއޭއެމުން އެރުވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށްފަހު މިއަދު ހަވީރު މާފަންނުވިލާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށް ދެއްވުމަށް އެދި ގާސިމަށް ދައުވަތު އެރުވުމަށް މާފަންނު ވިލާގައި ބޭއްވި ރަސްމިއްޔާތަށްފަހު ވީ ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެފްއޭއެމުގެ ފަރާތުން މިފަދަ ބޮޑު ޝަރަފެއް އެމަނިކުފާނަށް ދެއްވީތީ އުފާކުރައްވާ ކަމަށެވެ. އަދި އޭއެފްސީ ޗެލެންޖް ކަޕްގެ މެޗެއް ޝަރަފްވެރި ކޮށްދިނުމަށް އެފްއޭއެމުގެ އިސްވެރިން ދެއްވި ދައުވަތަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި މުބާރާތުގައި ރާއްޖޭގެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދިދާނެ ކަަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެފްއޭއެމުގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ ގައުމީ ޓީމަށް ގާސިމް ވެދެއްވި އެހީތެރިކަމަކީ ވަރަށް ބޮޑު އެހީތެރި ކަމެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ފުޓުބޯޅައަށް މީގެކުރިންވެސް ހިދުމަތްކޮށްދެއްވާފައިވާ ބަތަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ހަވީރު މާފަންނު ވިލާގައި ބޭއްވި ކުރު ރަސްމިއްޔާތުގައި އެފްއޭއެމުގެ އިސް ވެރިން ވަނީ ގާސިމް އަށް ގައުމީ ޓީމުގެ 11 ނަންބަރު ޖެހި ޖޯޒީ އެއް އަރުވާފަ އެވެ.
މިރަސްމިއްޔާތުގައި އެފްއޭއެމުގެ ރައީސް އިލްހާމް އަހުމަދާއި ނައިބް ރައީސް އަބްދުލް މުހުސިން ހަމީދާއި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް އިޒްހާން އާއި ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހްލޫފް ވަނީ ބައިވެރިވެޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ