ހުޅަނގު ހާބަރު ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވުމަށް ބަނޑާރަ ނައިބުގެ އޮފީހުން ކުރި ދައުވާ ސިވިލްކޯޓުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އޭޖީ އޮފީހުގެ ވަކީލަކު މައްސަލާގައި މިއަދު ކޯޓަށް ހާޒިރުވެފައި ނުވާތީއެވެ. މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލިއިރު މިމައްސަލާގައި އޭޖީ އޮފީހާއި ކޯޓާއި ދެމެދުވަނީ ނުތަނަވަސް ކަމެއް އުފެދިފައެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އޭޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަޑުއެހުން ފެށި އިރު އެއޮފީހުގެ ވަކީލު ކޯޓުގައި ހުންނެވި ކަމަށާއި އޭނާއަށް ދެވުނީ ތާވަލުކޮށްފައި އޮތް ގަޑިއަށް ވުރެ ދެމިނުޓު ލަހުން ކަމަށެވެ.
އޭޖީ އޮފީހާއި ސިވިލް ކޯޓުން މައްސަލާގައި ވަނީ ބަޔާންވެސް ނެރެފައެވެ. ހުޅަނގު ހާބަރު ވެސްޓްގޭޓަށް 25 އަހަރަށް ކުއްޔައްދިން މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުންބުނެފައިވަނީ ސިޓީ ކައުންސިލަށް ހުޅަނގު ހާބަރު ކުއްޔަށް ދިނުމަށް ފުރުސަތު ލިބުނީ އެކަން ހުއްޓުވުމަށް ސިވިލްކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށައެޅި މައްސަލަ ނުނިމި ލަސްވުމުންކަމުގައެވެ.
ނަމަވެސް ސިވިލް ކޯޓުން ފަހުން ބުނެފައިވަނީ އެމައްސަލަ ނުނިމި ދިގުލައި ގޮސްފައިވަނީ އޭޖީ އޮފީހުން ކޯޓަށް ހުށައަޅަންޖެހޭ ލިޔުމެއް ހުށަނާޅާ ލަސްވެގެން ދިއުމުން ކަމަށެވެ. އޭޖީ އޮފީހުންވަނީ އެކަން ވެސް ދޮގުކޮށްފައެވެ.
ހުޅަނގު ހާބަރު ކުއްޔަށް ދިން މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ